(20 އޭޕްރީލްގެ އަދަދާ ގުޅޭ)
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ގެކޮޅުގެ އަހްލުވެރީން ފިޔަވައި ދެން އެންމެފުރަތަމަ އިސްލާމީ ތަޙްރީކަށް ދަޢުވަތުދެއްވި ނަސީބުވެރިޔަކީ أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އެވެ. أبـــوبــكـــر ގެފާނަކީ قـــــريـش ވަންހައިގެ އަޝްރާފުންގެ ތެރެއިން އިސްސަފުގެ ބޭކަލެކެވެ. ސާޅީސްހާސް ދިރުހަމުގެ ބޮޑު ރައުސުމާލަކުން ވިޔަފާރިކުރައްވަމުން ގެންދެވި މަހުޖަނެކެވެ. ނަސަބުގެ ޢިލްމާއި ހުވަފެން ތަޢުބީރު ކުރެއްވުމުގެ މާހިރެކެވެ. قـــــريـش ންގެ ތެރޭގައި މަރުގެދިޔައިގެ ގޮތުންއެއްކުރެވޭ މުދަލާއި ފައިސާ ބެލެހެއްޓެވުމުގެ ވެރިޔަކީ އެކަލޭގެފާނެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާއި أبـــوبــكـــر رضـــــى اللّــــه عــنـــــه އަކީ ތުއްޕުޅުއިރުއްސުރެ ދެރަޙްމަތްތެރީންނެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ގެކޮޅުގެ އަހްލުވެރީން ފިޔަވައި އެމާތް ސާހިބާ ޤަބޫލުކުރައްވާ ގޮތްކޮޅުތަކާއި ގެންގުޅުއްވާ ނަޒަރިއްޔާތަކާއި އެމާތް ސާހިބާގެ ޖަޒުބާތާއި އިޙްސާސްތައް ހުންނަގޮތް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަލަކީ أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ގެކޮޅުގެ އަހްލުވެރީން ފިޔަވައި ދެން އެންމެފުރަތަމަ އިސްލާމީ ތަޙްރީކަށް ދަޢުވަތުދެއްވި ނަސީބުވެރިޔަކީ أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އެވެ. أبـــوبــكـــر ގެފާނަކީ قـــــريـش ވަންހައިގެ އަޝްރާފުންގެ ތެރެއިން އިސްސަފުގެ ބޭކަލެކެވެ. ސާޅީސްހާސް ދިރުހަމުގެ ބޮޑު ރައުސުމާލަކުން ވިޔަފާރިކުރައްވަމުން ގެންދެވި މަހުޖަނެކެވެ. ނަސަބުގެ ޢިލްމާއި ހުވަފެން ތަޢުބީރު ކުރެއްވުމުގެ މާހިރެކެވެ. قـــــريـش ންގެ ތެރޭގައި މަރުގެދިޔައިގެ ގޮތުންއެއްކުރެވޭ މުދަލާއި ފައިސާ ބެލެހެއްޓެވުމުގެ ވެރިޔަކީ އެކަލޭގެފާނެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާއި أبـــوبــكـــر رضـــــى اللّــــه عــنـــــه އަކީ ތުއްޕުޅުއިރުއްސުރެ ދެރަޙްމަތްތެރީންނެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ގެކޮޅުގެ އަހްލުވެރީން ފިޔަވައި އެމާތް ސާހިބާ ޤަބޫލުކުރައްވާ ގޮތްކޮޅުތަކާއި ގެންގުޅުއްވާ ނަޒަރިއްޔާތަކާއި އެމާތް ސާހިބާގެ ޖަޒުބާތާއި އިޙްސާސްތައް ހުންނަގޮތް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަލަކީ أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އެވެ.
أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އަކީ رحـمــة لّـلعــالمــيـــن ގެ ތަޙްރީކުގެ ކުރިންވެސް މައްކާގައި ނުހަނު ބަސްފުޅުވިކޭ ބޭފުޅެކެވެ. ޙުރުމަތާއި ޤަދަރު ލިބިވަޑައިގެން ހުންނެވި ޝަޚްޞިއްޔަތެކެވެ. އެކަލޭގެފާނުގެ ޒާތުފުޅުގެ މާތްކަމާއި ފުރިހަމަކަމަށް މައްކާގެ އެންމެން އިޢުތިރާފުވެއެވެ. އެކަލޭގެފާނުގެ މުޢާމަލާތަކުގެ ރީތިކަމަށެވެ. ޚުލުޤުފުޅު ހެޔޮކަމަށެވެ. ހުއްދަނޫން ފައިދާ ލިބިގަތުން ޢާންމުވެފައި އޮންނަ މުޖްތަމަޢުތަކުގައި މީހުންގެ ބުރަދަނާއި އަގު ވަޒަންކުރާ މިންގަނޑަކީ ފައިސާއާއި މުއްސަނދިކަމެވެ. އެހައިސިއްޔަތުން ބެލިކަމުގައިވިޔަސް އެކަލޭގެފާނު ގުނައިލެވެނީ އިޙްތިރާމާއި އިތުބާރު ލިބިވަޑައިގެންފައިވާ ޝަޚްޞިއްޔަތެއް ކަމުގައެވެ. މައްކާގެ ޢާންމުންނާއި ޚާއްޞުން އެކިއެކި ކަންކަމުގައި އެކަލޭގެފާނުގެ ލަފާފުޅާއި މަޝްވަރާ ހޯދައެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަލޭގެފާނުގެ އަރިހުގައި އިސްލާމީ ތަޙްރީކުގެ ދަޢުވަތުގެ ބަސްފުޅު ހަމަ ޙަދީސުކުރެއްވުމާއެކު ލަހެއްފަހެއް ނުކުރައްވައެވެ. ސުވާލު ޖަވާބަކަށް ސިކުންތުކޮޅެއްވެސް ނަންގަވައެއް ނުލައްވައެވެ. ވަގުތުން ވިދާޅުވީ: اَشْـهَــدُ اَنْ لاَاِلَــــهَ اِلاَّ اللَّـــهُ وَاَنَّ مُـحَــمَّــــدٌا رَّسُـــــولُ اللَّـــهِ މިފަދައިންނެވެ. އެ އަޑުފުޅު އިވިވަޑައިގެންނެވުމާއެކު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މޫނުފުޅު ވިދައި ބަބުޅާންފެށީ ހިތްޕުޅަށް ލިބިވަޑައިގެންނެވި ފަސޭހަފުޅުކަމާއި އުފާފުޅުން ކުރެއްވި ހިނިވަރުނަ ކުރެއްވުމުގެ އަލިކަމުންނެވެ. މަތިވެރިވަންތަ ޤުދުރަތްޕުޅުންވަނީ އެކުއްލި ތަޞްދީޤު ކުރެއްވުމަށް މަތިވެރި އިނާމެއް ހިބަކޮށްދެއްވައިފައެވެ. އޭގެކުރީން ހުސްއެކަނި أبـــوبــكـــر ގެ ނަންފުޅުން ތަޢާރުފުވެވަޑައިގަންނަވާ ޝަޚްޞިއްޔަތު ނަންފުޅުގެ ފަހަތަށް "الصّــدّيـــق" ގެ ޝަރަފުވެރި ލަޤަބުފުޅު އިތުރުކުރެއްވުމުގެ ޢިއްޒަތް ދެއްވައިފައެވެ.
أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه ރަޙްމަތުގެ ތަޙްރީކުގައި ބައިވެރިވެވަޑައިގެން محــمّــــدى ލަޝްކަރުގެ އިސް އެއްކޮމާންޑަރަކަށް ވެވަޑައިގެންނެވުމާއެކު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެމާތް ސާހިބާގެ އިންޤިލާބީ ތަޙްރީކުގައިވެސް އަތްބާރު އަޅުއްވައިދެއްވާން ފައްޓަވައިފިއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޙަޔާތްޕުޅުގައި އެހައިތަނަށްވެސް އެކުވެރިކަމާއި ގާތްކަން ބަހައްޓަވަމުން ގެންދެވި ފަދައިންނެވެ. أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އެކަލޭގެފާނުގެ އަމިއްލަފުޅު މުދަލާއި އަމިއްލަފުޅު ޒާތުފުޅުން ރަޙްމަތުގެ ތަޙްރީކަށް ވެވަޑައިގެންދެއްވި އަގުނުކުރެވޭފަދަ އެހީތެރިފުޅުކަމަށް ޚުދު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އިޢުތިރާފުވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ސުވަރުގެ ވަޑައިގެންނެވުމާ ދާދި ގާތުގައި އެއްދުވަހަކު المـسجــد الــنّـــبــوى ގައި ތަޤްރީރު ކުރައްވަމުން ޙަދީސުކުރެއްވިއެވެ. މި މިސްކިތަށް ހުޅުވޭ ދޮރުތަކުގެ ތެރެއިން أبـــوبــكـــر ގެފާނުގެ ދޮރުކޮޅު ފިޔަވައި އެހެން ހުރިހައި ދޮރުތަކެއް ބަންދުކުރެވޭނެއެވެ. އަހުރެންވަނީ أبـــوبــكـــر ގެފާނު ފިޔަވައި އެހެން އެންމެންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ބަދަލުދީފައެވެ. އަހަރެންގެ މައްޗަށް ބާކީ އޮތީ أبـــوبــكـــر ގެފާނުގެ ޚިދުމަތަށް ބަދަލުދިނުން އެކަންޏެވެ.
أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުގެ އަރިހަށް އެކިކަންކަމުގައި މަޝްވަރާކުރައްވާން ވަޑައިގަންނަވާ މައްކާގެ އަޝްރާފުންނާއި އެކިއެކި ބޭނުންތަކުގައި އަންނަ ޢާންމުންނާ ދީނުގެ ވާހަކަފުޅު ދައްކަވާން ފައްޓަވައިފިއެވެ. އެމީސްމީހުންގެ "ވަކަރުޖައްސަވައި" ޚިޔާލު ރަނގަޅު ތެދުޤަބޫލުކުރާ ފައްސި ޠަބީޢަތުގެ މީހުން ރަޙްމަތުގެ ނަބިއްޔާގެ އަރިހަށް ފޮނުއްވާން ފައްޓަވައިފިއެވެ. ޚުދު އެކަލޭގެފާނުވެސް ބައެއްމީހުން ގޮވައިގެން ނަބަވީ ދަރުބާރަށް ވަޑައިގަންނަވައެވެ. އެގޮތުން އެކަށީގެންވާ ޢަދަދެއްގެ ހެޔޮލަފާ ބޭކަލުން رحـمــة لّـلعــالمــيـــن ގެ ތަޙްރީކާ ގުޅިވަޑައިގެންނެވިއެވެ. އިސްލާމީ އިންޤިލާބުގެ ވަރުގަދަ ތަނބުތަކެއް ކަމުގައި ހިމެނިވަޑައިގެންނެވި ވަރަށްގިނަ ބޭކަލުންވެސް އޭގެތެރޭގައި ހިމެނިވަޑައިގަންނަވައެވެ. މިގޮތުގެމަތީން އިސްލާމީ ތަޙްރީކުގެ السّــابــقــــون الأوّلـــون ގެ ތެރޭގައި ހިމެނިވަޑައިގަންނަވާ عــثـمــان بـــن عــفّــــان އާއި، الـــزّبــيـــر بـــن الــعـــوّام އާއި عـــبــدالــــرّحــمـــن بـــن عـــــوف އާއި سـعــد بــــن أبــــى وقّـــاص އާއި طـلحـــة بـــن عُـبــيـد اللّــــه އާއި عـمّـــار بـــن يــاســــــر އާއި حـبــّـاب بـــن الأرتّ އާއި أرقــــم بــن أبـــى الأرقــــم އާއި سعـيـد بـــن زيـــد އާއި عــبــد اللّــــه بـــن مسعــــود އާއި عــثـمــان بـــن مظــعـــــون އާއި عــبــيــدة بـــن الحـــارث އާއި صُـهَــيـب الــــرّومــــى އާއި بِـــلال الحبشىــى އާއި (رضـــــى اللّــــه عــنـــهـــــم) އަކީ ވަކީން ފާހަގަކޮށްލެވޭ މަޝްހޫރު ބޭކަލުންނެވެ.
ޝައްކެއްނެތެވެ. މީހަކު ޙައްޤެއް ޤަބޫލުކޮށް އެކަމާ ގުޅުންހުރި މުހިންމަތެއްގެ މެންބަރަކަށްވާނީ އެމީހެއްގެ ހިތުގައިވެސް އެޙައްޤު އާލާކޮށް ދިރުވުމުގެ އެދުމަކާއި އުންމީދެއް އޮވެގެންނެވެ. އެގޮތުން އީމާންވެވަޑައިގެންނެވި ހުރިހައި ބޭކަލުންގެ ހިތްޕުޅުތަކުގައިވެސް ރަޙްމަތުގެ ދީން ފެތުރުއްވުމުގެ ޝައުޤު ނިހާޔަތަށް އޮތެވެ. އެ ޝައުޤުވަނީ ރަޙްމަތުގެ ދީން ފަތުރުއްވާން އެދިވަޑައިގެންނެވުމުގެ ދަންމަރު އެބޭކަލުންގެ ހިތްޕުޅުތަކުގައި ދިއްލައިފައެވެ. އެހެންކަމުން އެބޭކަލުން އިސްލާމްވެވަޑައިގެންނެވުމާއެކު ވަނީ ރަޙްމަތުގެ ތަޙްރީކުގެ ދާޢީންކަމުގައި ވެވަޑައިގެންފައެވެ. އެ ޙަރަކާތްތެރި ޖޯޝުހުރި މެންބަރުން އަޑިއަޑީން ހިންގަވަމުން ގެންދެވި ހަރަކާތުގެ ސަބަބުން އިސްލާމްވެވަޑައިގަންނަވާ ބޭކަލުންގެ ޢަދަދު ދިޔައީ އިތުރުވަމުންނެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ބޭކަލުންނަކީ، أبـــــو عــبــيــدة عـــامــــــر بـــن الجــــرّاح އާއި (އެކަލޭގެފާނަށް ފަހުން ވަނީ أمــيـــن الأمّــــة ގެ ލަޤަބު ލިބިވަޑައިގެންފައެވެ.) عــبــد اللّــــه بـــن بِـــلال އާއި عـــامــــــر بـــن فُــهـَــيـــرة الأزدى އާއި أبـــــو حــذيــفـــة بـــن عــتـــبــة އާއި ســــائب بـــن يـــــزيــــد (رضـــــى اللّــــه عــنـــهـــــم) މިބޭކަލުންނެވެ.
ރަޙްމަތުގެ ތަޙްރީކު ސިއްރުން ހިންގެވި ދުވަސްވަރުވެސް ރަޙްމަތުގެ ބަގީޗާގެ މާމެލާމެލީގެ މީރުވަސް ވަނީ ފިނިވައިރޯޅިތަކާއެކު މާދުރަށްވެސް ފެތުރިގެން ގޮސްފައެވެ. އެގޮތުން މާދުރުން ޚަބަރު ލިބިވަޑއިގެން އިސްލާމްވެވަޑައިގެންނެވި އެއްބޭކަލަކީ أبـــو ذرّ الــغــفـــارى رضــــى اللّــــه عـــنــــه އެވެ. عــلاّمــــة شـبـــلـــى نـعــمـــانـــى ވިދާޅުވާގޮތުގައި އިސްލާމްކަމުގައި أبـــو ذرّ ގެ ވަނަޔަކީ ހަވަނަ ނުވަތަ ހަތްވަނައެވެ. އެކަލޭގެފާނަކީވެސް އެދުވަސްވަރުގެ ބައެއް ޙަނީފީން ފަދައިން ބުދަށް އަޅުކަންކުރެއްވުން އަމިއްލަފުޅަށް ހުއްޓައިލެއްވި ބޭކަލެކެވެ. ޙައްޤު އިލާހު ހޯއްދަވާން މަސައްކަތްކުރައްވަމުން ގެންދެވި ބޭކަލެކެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޚަބަރު أبـــو ذرّ رضــــى اللّــــه عـــنــــه އަށް ލިބިވަޑައިގެންނެވީ އެކަލޭގެފާނު ރަށުގައި ހުންނަވަނިކޮށެވެ. أبـــو ذرّ އެޚަބަރުގެ ދޮގުތެދު ބައްލަވާން އެކަލޭގެފާނުގެ އަޚު أنـيـس މައްކާއަށް ފޮނުއްވިއެވެ. أنـيـس މައްކާއަށް ވަޑައިގެން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ފައިންޕުޅު ދެކެވަޑައިގެންނެވިއެވެ. އެމާތް ސާހިބާ قــــــرآن ކިޔަވައިވިދާޅުވާ އަޑުފުޅު އެއްސެވިއެވެ. އެއަށްފަހު ރަށަށް ވަޑައިގެން ބޭބޭފުޅުގެ އަރިހުގައި ވިދާޅުވިއެވެ.
އަޅުގަނޑާ ބައްދަލުވި ބޭކަލަކަށް މައްކާގެ މީހުން ކިޔައިއުޅެނީ މުރުތައްދަކު ކަމުގައެވެ. އެކަލޭގެފާނު ކިޔަވައިވިދާޅުވާ ކަލާމްފުޅަކީ ޅެމާއި ޅެންވެރިކަމަށްވުރެ މާ މަތިވެރި އެއްޗެކެވެ. އެކަލޭގެފާނު ދަޢުވަތު ދެއްވަނީ މަކާރިމުލް އަޚްލާޤަށެވެ. އެކަލޭގެފާނުގެ އުޅުއްވުމާއި ގޮތްކޮޅު އެންމެ ވައްތަރީ ބޭބެއާއެވެ.
أبـــو ذرّ އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން މައްކާއަށް ވަޑައިގެން އިސްލާމްވެވަޑައިގެންނެވިއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، أبـــو ذرّ އަށް އިރްޝާދު ދެއްވީ އެމާތް ސާހިބާ މައްކާއިން ނުކުމެވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަންނަވާންދެން ރަށުގައި ހުންނަވާށެވެ. އެއަށްފަހު އެމާތް ސާހިބާ ހުންނެވި ތަނަކަށް ވަޑައިގެން ބައްދަލުކުރައްވާށެވެ.
ކުރީންވެސް ދެންނެވި ފަދައިން އިސްލާމްވެވަޑައިގަންނަވަމުން ގެންދެވި ބޭކަލުންކުރެ ގިނަބޭކަލުންނަކީ އޭގެކުރީންވެސް ޙައްޤު ހޯއްދެވުމުގެ ވިސްނުންފުޅު ގެންގުޅުއްވި ބޭކަލުންނެވެ. ފިޠުރީގޮތުންވެސް ހެޔޮލަފާ މިޒާޖުފުޅުގެ ޚުލުޤުފުޅު ރީތި ބޭކަލުންނެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ عــثـمــان بـــن مظــعــــون رضـــــى اللّــــه عــنـــــه އަކީ ޞޫފީ މިޒާޖުފުޅުގެ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމަށްފަހު ބޭނުންފުޅުވީ ރާހިބަކަށް ވެވަޑައިގަންނަވާށެވެ. ރަޙްމަތުގެ ދީނަކީ މެދުމިންވަރުގެ އުސޫލުތަކުގެ މަތީގައި ބިނާކުރައްވައިފައިވާ ނިޒާމެކެވެ. އެހެންކަމުން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެކަން މަނާކުރެއްވިއެވެ. صُـهَــيـب رضـــــى اللّــــه عــنـــــه އަކީ عــبــد اللّــــه بـــن جـــدعــــان ގެ ތަރުބިޔަތު ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. عــبــد اللّــــه بـــن جـــدعــــان އަކީވެސް ޖާހިލިއްޔަ ޒަމާނުގައި ރާ ޙަރާމްކުރައްވައިގެން ހުންނެވި ބޭކަލެކެވެ. އިސްލާމްދީން ފާޅުކުރެއްވުމުގެކުރީން އޭނާ ވަނީ ނިޔާވެފައެވެ.
ރަޙްމަތުގެ ދީން ފެތުރުއްވުމުގެ މި މަރުޙަލާގައި އެ މުހިންމަތަށް ދަޢުވަތު ދެއްވަމުން ގެންދެވީ ވަރަށް މަޑުމައިތިރިކަމާ އެކުގައެވެ. ސިއްރު ސިއްރުންނެވެ. قـــــريـش ންގެ ރުޅިވެރިކަން ފަޅައިގެން ހިނގައިދާނެތީ އެކަމަށް ރިޢާޔަތްކުރެއްވުމާ އެކުގައެވެ. ފާޅުގައި ދީނަށް ގޮވައިލައްވައި މުޝްރިކުންނާ ހުރަހޮޅިވަޑައިގެންނެވުމުގެ އަމުރުފުޅު އެހައިތަނަށް އައިސްފައިނުވުމާވެސް އެކުގައެވެ.
قـــــريـش ންނަށް ރަޙްމަތުގެ ތަޙްރީކުގެ ޚަބަރު ލިބުން
ތަފާތު ވާޤިޢާތަކުން އެނގޭގޮތުގައި އެންމެ ފުރަތަމަ މަރްޙަލާގައި އިސްލާމީ ދީނުގެ ދަޢުވަތު ދެއްވަމުންގެންދެވީ އިންފިރާދީގޮތުންނެވެ. ސިއްރު ސިއްރުންނެވެ. ނަމަވެސް قـــــريـش ންނަށް އެކަން މުޅިޔަކުން ވަންހަނާވެފައެއްނެތެވެ. އެބައިމީހުންނަށް އެޚަބަރު ލިބެއެވެ. އެހެންނަމަވެސް އެބައިމީހުން އެކަމަކާ މާކަބޮޑަކަށް އަޅައެއް ނުލައެވެ.
محــمّــــد الـــغـــــزالــــــى رحــمـــه اللّــــه ލިޔުއްވައިފައިވެއެވެ. قـــــريـش ންނަށް ވަނީ އެޚަބަރު ލިބިފައެވެ. ނަމަވެސް އެބައިމީހުން އެކަމަކަށް އަހަންމިއްޔަތެއް ނުދެއެވެ. އެހެނީ އެބައިމީހުން ޚިޔާލުކުރީ محــمّــــد صــلّـــــى اللّــــه عــلـيــــه وســلّـــــم އަކީވެސް އޭގެކުރީން قـــــريـش ންގެ ތެރެއިން ފެނިފައިވާފަދަ އުލޫހިއްޔަތުގެ ފިކުރުފުޅެއް ގެންގުޅުއްވާ ބޭކަލެއް ކަމުގައެވެ. أمـــيّــــة بــــن أَبــــــى الصَّلت އާއި قُــسُّ بـــن ســاعـــدة އާއި زيــــد بـــن عــمـــــــرو بـــن نـُــفَــيْــل ފަދަ ބޭކަލެއްކަމުގައެވެ. ދުވަސްކޮޅަކުން އެކަން އޮބިގެން ހިނގައިދާނެ ކަމުގައެވެ. ނަމަވެސް ދުވަސްތައް ވޭތިވަމުންދާ ވަރަކަށް قـــــريـش ންގެ ނަޒަރު ދިޔައީ އެ ތަޙްރީކަށް އަމާޒުވަމުންނެވެ. قـــــريـش ން ވަނީ ކައުސާހިބާގެ މުހިންމަތު ގެންދަވާނެ ގޮތަކާއި އޭގެ ނަތީޖާއާމެދު ސީރިޔަސްވާން ފަށައިފައެވެ.
قـــــريـش ން ވަރަށްބޮޑަށް ޤަބޫލުކޮށްގެންތިބި އެހެން ސަބަބެއްވެސް އޮތެވެ. އެބައިމީހުންނަށް ޤަބޫލުކުރެވިފައި އޮތީ އެބައިމީހުން އަޅުކަމުގެގޮތުން މޫނު ކާއްތައި އުޅޭ لات އާއި عُــــــــزّى އާއި هــبــــل އެތަކެތީގެ އަމިއްލަ ބާރުގައި އެތަކެތީގެ ހައިސިއްޔަތާއި އެތަކެތީގެ ޒާތު ދިފާޢުކުރާނެ ކަމުގައެވެ. އެތަކެތީގެ "ރޫޙާނީ" އެންމެ ޙަމަލައަކުންވެސް رحـمــة لّـلعــالمــيـــن ގެ ތަޙްރީކާއި އެ ތަޙްރީކުގެ ބައިވެރީންގެ ހުވަންހިލަންވެސް ނައްތައިލެވިދާނެ ކަމުގައެވެ. (مُـحُسِنْ إِنْسَـانــيّــت، نــعــيـــم صـــدّيــقـــى)
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު