ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާ ކުރެވިފައިވާ "އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން އެންމެ ލަސްވެގެން އޮގަސްޓު މަހާ ހަމައަަށްދާ އިރު، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހިދުމަތް ފުޅާވެގެން ދާނެ ކަމަށް ރައީސް ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހަ ޒޯނަކަށް ބަހާލައިގެން ރާއްޖޭގައި އާރްޓީއެލް ފެރީގެ ހިދުމަތް ދެމުން އަންނަނީ އެމްޓީސީސީންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާރްޓީއެލްގެ ފެރީގެ ހިދުމަތަކީ ވަަރަށް މުހިންމު ހިދުމަތެއް ކަމަށާއި މިހާރު ހިދުމަތް ނުފެށި އޮތީ ހަތަރު އަތޮޅެއްގައި ކަމަށެވެ.

"މިހާރު ގޮސްފައި އޮތް ހިސާބުން އިތުރު ހިކްއަޕެއް ނައިސް ކުރިއަށްދާނެ، އެހެންވީމަ ކުރިއަށް އޮތް 3-4 މަސް. އެންމެ ލަސް ވެގެން ޖުލައި އޮގަސްޓަށް ދާއިރު މި ބަލަނީ ބާކީ ހުރި ހުރިހާ އަޮތޮޅެއް ކަވަރު ކޮށްލެވޭނެ ކަަމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު އާރްޓީއެލްގެ ހިދުމަތް ފަށާފައިވާ އަތޮޅުތަކަށް ބޭނުންވާ ސްޕެއާ ވެސަލް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ.

އެމްޓީސީސީން މި ހިދުމަތް ދިނުމަށް ބޭނުން ކުރާނީ 48 މީހުންގެ ޖާގައިގެ ފެރީތަކެވެ.