ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ އަދި ވިނަރެސް ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑުން މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފިއެވެ.

ސްޓެލްކޯގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރި ޕޯސްޓުގައި ބުނީ މަގު ހެދުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން މަގު ކޮނުމުގެ ތެރޭ ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

ކަރަންޓްގެ ހިދުމަތް މެދުކެނޑުނީ ހިޔާ ޓަވަރު 5، 6، އަދި 7 ގެ އިތުރުން ވިނަރެސްގެ 10 ޓަވަރުންނެވެ. މީގެ އިތުރުން އަމާންދޯދި 12، 13، 14، 15، އަދި 16 އަދި އަމާން އުދަރެސް 5، އަދި 6 ކުންވެސް ވަނީ ކަރަންޓް ކެނޑިފައެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުނު ވަގުތުތަކުގައި ދިމާވި ދަތިތަކަށް އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.