ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފެށެން ދެންއޮތީ ދެމަސް ދުވަހަށްވުރެ ކުރު މުއްދަތެކެވެ. ވޯލްޑްކަޕް ހުޅުވުމުގެ ގޮތުން މެކްސިކޯއާއި ދެކުނު އެފްރިކާ ބައްދަލުކުރާ މެޗު ކުޅޭނީ ޖޫން އެގާރަވާ ބުރާސްފަތި ދުވަހު މެކްސިކޯ ސިޓީގައެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސޯޅަ ޖުލައިވާ އާދީއްތަ ދުވަހު އެމެރިކާގެ ނިއުޖާޒީގެ އީސްޓްރަދަފަޑްގައެވެ. މުބާރާތް ހުޅުވާ މެޗާއި ފައިނަލް މެޗު ހިމަނައިގެން މިފަހަރުގެ ވޯލްޑްކަޕްގައި ކުޅޭނީ ޖުމްލަ 104 މެޗެވެ. މިއީ އެންމެފަހުން ގަތަރުގައި ބޭއްވުނު ވޯލްޑްކަޕުގައި ކުޅެވުނު މެޗުތަކަށްވުރެ ބަރާބަރު ސާޅީސް މެޗު އިތުރު އަދަދެކެވެ. ގަތަރުގައި ކުޅެވުނީ ޖުމްލަ 64 މެޗެވެ. މިފަހަރު މެޗުތަކުގެ އަދަދު އިތުރުވުމުގެ ސިއްރަކީ ބައިވެރިވާ ޓީމުތަކުގެ އަދަދުވެސް ބޮޑުތަނުން އިތުރުވުމެވެ. ގަތަރުގެ ވޯލްޑްކަޕުގައި ކުޅުނީ ބައްތިރީސް ޓީމެވެ. އެއަށްވުރެ ސޯޅަ ޓީމު ގިނަކޮށް މިފަހަރު ޖުމްލަ 48 ޓީމު ކުޅޭނެއެވެ. މިދެންނެވި 104 މެޗުގެ ތެރެއިން 78 މެޗު ކުޅޭނީ އެމެރިކާގައެވެ.
ެެެއެމެރިކާގައި ކުޅޭނީ ވޯލްޑްކަޕުގައި މިފަހަރު ކުޅެންޖެހޭ ޖުމްލަ މެޗުތަކުގެ 75 އިންސައްތައެވެ. ބާކީ އޮންނާނީ ސައްބީސް މެޗެވެ. އޭގެތެރެއިން މެކްސިކޯގައި ކުޅޭނީ ތޭރަ މެޗެވެ. ކެނެޑާގައި ކުޅޭނީވެސް ތޭރަ މެޗެވެ. ވޯލްޑްކަޕް މިފަހަރު މިކުޅެނީ ތިން ގައުމެއްގައެވެ. އުތުރު އެމެރިކާ ބައްރުގެ ތިން ގައުމުގައެވެ. މިއީ ތިން ގައުމެއް ގުޅިގެން ވޯލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ޖުމްލަ 48 ޓީމު ފެނިގެންދާއިރު އޭގެތެރޭގައި އެންމެ ގިނަވާނީ ޔޫރަޕުގެ ފުޓްބޯޅަ ކޮންފެޑެރޭޝަން ކަމަށްވާ ޔުއެފާގެ މެންބަރު ގައުމުތަކެވެ. ޔުއެފާގެ މެންބަރުންގެ ޖުމްލަ އަދަދަކީ 55 ކަމަށްވާއިރު އޭގެތެރެއިން 16 ގައުމު މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭނެއެވެ. މާނައަކީ ޔުއެފާގެ މެންބަރުންގެ 29 އަށްވުރެ ބޮޑު އިންސައްތައެއް މި ވޯލްޑްކަޕުން ފެނުމެވެ. އެކަމަކު ހައިރާންކުރުވަނިވި ގޮތަކަށް މި ގްރޫޕުގައި އިޓަލީ ނުހިމެނެއެވެ. އިޓަލީއަކީ ޖުމްލަ ހަތަރު ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. ޔޫރަޕުގެ ސަރަހައްދީ މުބާރާތް ޔޫރޯވެސް ދެފަހަރު ކާމިޔާބުކޮށްފައިވެއެވެ. އެއީ ޔޫރަޕުގެ އެންމެ ކާމިޔާބު ދެވަނަ ގައުމެވެ.
އެކަމަކު މިފަހަރުގެ ވޯލްޑްކަޕަށް އިޓަލީ ކޮލިފައިއެއް ނުވިއެވެ. ޕްލޭއޯފްގައި ޕެނަލްޓީ ޖަހައިގެން ބޮސްނިޔާ އަތުން ބަލިވުމުގެ ސަބަބުންނެވެ. މިއީ ވޯލްޑްކަޕަށް ކޮލިފައިނުވެ ވިދިވިދިގެން އިޓަލީ ކެޓި ތިންވަނަ ފަހަރެވެ. މިއީ އިޓަލީގެ ސަޕޯޓަރުންނަށް ލިބިފައިވާ ވަރަށް ބޮޑު ހިތާމައެކެވެ. އެމީހުން ގެންދަނީ ވަލުދޮރާށިން ކަމަށްވިޔަސް އިޓަލީ މިފަހަރުގެ ވޯލްޑްކަޕަށް ގެންދެވޭތޯ މަސައްކަތް ކުރަމުންނެވެ. އެންމެފަހުން ވޯލްޑްކަޕެއްގައި އިޓަލީ ކުޅެފައިވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕުގައެވެ. އެފަހަރު ނޮކައުޓް ބުރަށްވެސް ކޮލިފައިނުވެ ކެޓީއެވެ. އޭގެފަހުން ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕަށް ކޮލިފައިއެއް ނުވިއެވެ. އަދި ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުންވެސް ޖާގައެއް ނުލިބުނެވެ. ހަމައެގޮތަށް މިފަހަރުގެ ވޯލްޑްކަޕަށްވެސް ކޮމިފައިނުވެ ކެޓީއެވެ. ގަތަރުގައި ބޭއްވުނު ވޯލްޑްކަޕަށް ވަލުދޮރާށިން އިޓަލީ ވެއްދޭތޯވެސް ބަޔަކު ލައްކަ މަސައްކަތްތަކެއް ކުރިއެވެ.
އެފަހަރު ބެލީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އިކުއެޑޯރުން ސައްހަނޫން ކުޅުންތެރިއަކު ބޭނުންކުރީއޭ ބުނެ އިކުއެޑޯރ ޑިސްކޮލިފައިކޮށްފައި އެޖާގަ އިޓަލީއަށް ދެވޭތޯއެވެ. އެކަން ކާމިޔާބެއް ނުވިއެވެ. ހަމައެގޮތަށް މިފަހަރުވެސް ކޮންމެވެސް ބަޔަކު ކޮންމެވެސް ބަހަނާއެއް ދައްކައިފައި ޑިސްކޮލިފައިކޮށް އެޖާގަ އިޓަލީއަށް ދެވޭތޯ ބަޔަކު މަސައްކަތްތަކެއް އެބަކުރެއެވެ. އެމެރިކާގެ ތެރެއިންނެވެ. ރައީސް ޓްރަމްޕުގެ ސަރުކާރުގެ ތެރެއިންނެވެ. މިފަހަރު ކަޓުވައިލާން އުޅޭ ގައުމަކީ އީރާނެވެ. އީރާނަކީ މިފަހަރުގެ ވޯލްޑްކަޕަށް އޭޝިއާ ބައްރުން އެންމެ ފުރަތަމަ ކޮލިފައިވި އެއްގައުމެވެ. އޭއެފްސީ ކޮލިފައިންގެ ތިންވަނަ ބުރުގައި ގްރޫޕް އޭގެ އެއްވަނަ ހޯދައިގެން 2025 ވަނަ އަހަރުގެ މާރޗް މަހު ފަންސަވީހުގައި އީރާން ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފައެވެ. އީރާނަކީ މި ވޯލްޑްކަޕަށް އޭޝިއާއިން ސީދާކޮށް ކޮލިފައިވެފައިވާ 8 ގައުމުގެ ތެރެއިން ގައުމެކެވެ. އަނެއް ހަތް ގައުމަކީ ޖަޕާން، ދެކުނު ކޮރެޔާ، އޮސްޓްރޭލިޔާ، ސައޫދީ އަރަބިޔާ، ގަތަރު، ޖޯޑަން އަދި އުޒްބެކިސްތާނެވެ.
އޭޝިއާގެ ނުވަވަނަ ގައުމަކަށްވެސް މިފަހަރުގެ ވޯލްޑްކަޕުން ޖާގަ ލިބިފައިވެއެވެ. އެގައުމަކީ އިރާގެވެ. ދެކުނު އެމެރިކާ ބައްރުގެ ބޮލީވިޔާއާ ވާދަކޮށް ޕްލޭއޮފްގައި މިމަހު އެއްވަނަ ދުވަހު ދޭއް އެކަކުން މޮޅުވެގެން ވޯލްޑްކަޕުގެ 48 ވަނަ އަދި އެންމެފަހު ޖާގަ ހޯދީ އިރާގުންނެވެ. އީރާނު ކަޓުވާލައިފައި އެޖާގަ އިޓަލީއަށް ދެވޭތޯ ކުރެވެމުންދާ މަސައްކަތުގެ މުގުލުގައި ހުރީ ޕައުލޯ ޒަމްޕޯލީއޭ ކިޔުނު އެމެރިކާ މީހެކެވެ. އޭނާއަކީ ރައީސް ޓްރަމްޕުގެ ވަރަށް އަރިސް މީހެކެވެ. ޓްރަމްޕުގެ ފަރާތުން އެކި ކަންކަމަށް އައްޔަންކޮށްފައި ހުންނަ ޚާއްސަ މަންދޫބެކެވެ. ޓްރަމްޕުގެ މިހާރުގެ އަނބިމީހާ މެލާނިޔާއަކީވެސް މިދެންނެވި ޒަމްޕޯލީ ޚަރަދުކޮށްގެން އެމެރިކާއަށް ގެންގޮސް ގެންގުޅެފައި އެންމެފަހުން ޓްރަމްޕަށް ތައާރަފުކޮށްދިން މީހާއެވެ. މި ޒަމްޕޯލީއަކީ އިޓަލީގެ މިލާނަށް އުފަން މީހެކެވެ. އެމެރިކާގެ ރައީސް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާއްނި އިންފަންޓީނޯއާ ވާހަކަ ދައްކައިގެން އީރާނު ކަޓުވާލާފައި އެޖާގަ އިޓަލީއަށް ދެވޭތޯ މަސައްކަތް ކުރަމުން ގެންދާކަން ޚުދު ޒަމްޕޯލީވެސް ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.
ޒަމްޕޯލީ ބޭނުންވިޔަސް، އިންފަންޓީނޯ ބޭނުންވިޔަސް، އަދިކިޔެއްތަ ރައީސް ޓްރަމްޕު ބޭނުންވިޔަސް އީރާނު ކަޓުވައިލެވޭނެ އެއްވެސް ގޮތެއް ނެތެވެ. އީރާނު އޮތީ ވޯލްޑްކަޕުގައި ބައިވެރިވާ ގޮތަށެވެ. ފީފާގެ ރައީސް އިންފަންޓީނޯވެސް ބުނަނީ އީރާނުގެ ޓީމު އެމެެރިކާއަށް އަންނާނޭ ކަމުގައެވެ. ރައީސް ޓްރަމްޕު ބުނަނީ އީރާނުގެ ޓީމު އެމެރިކާއަށް އައުމަށް ވިސާ ދޭނެ ކަމުގައެވެ. އެކަމަކު އީރާނުގެ ކުޅުންތެރިންގެ ފުރާނައިގެ ރައްކާތެރިކަމަށް ޖާމިނުވެވެން ނެތްކަމަށާއި އެހެންވެ އީރާނުން ޓީމެއް ފޮނުވުމަކީ އެންމެ ރަގަޅުގޮތް ނޫންކަމަށްވެސް ޓްރަމްޕު ބުނެއެވެ. ކޮންމެއަކަސް އެހެންބަޔަކަށް ޖާގައެއް ދެވޭނީ އީރާނުން ޓީމެއް ނުފޮނުވަންޏާއެވެ. ނުފޮނުވާނަމެކޭ އީރާނުން އަދި ނުބުނެއެވެ. އީރާނު ކުޅެންޖެހޭ މެޗުތައް އެމެރިކާ ނޫންތަނެއްގައި ބޭއްވުމަށް އެދި އީރާނުން ހުށައެޅި ހުށައެޅުމަށް ފީފާއިން ވަނީ ނޫނެކޭ ބުނެފައެވެ. އީރާނު ހިމެނެނީ ގްރޫޕް ޖީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބެލްޖިއަމް، ނިއުޒިލެންޑް އަދި މިސްރެވެ. މި ގްރޫޕްގެ މެޗުތައް ކުޅޭނީ އެމެރިކާގެ ލޮސްއެންޖަލިހާއި ސީޓަލްގައެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން