އީރާނާއި އެމެރިކާގެ މެދުގައި ހަމަލާތައް މިވަގުތު މެދުކެނޑިފައިވިޔަސް ރަސްމީކޮށް ހަނގުރާމަ އޮތީ ނިމިފައެއް ނޫނެވެ. ހޮރުމުޒް ކަނޑުއޮޅިން މިހާރުވެސް އެދަނީ ކަނިބުރަމުންނެވެ. ދުން އަރަމުންނެވެ. އެމެރިކާ އޮތީ އީރާނުގެ ބަނދަރުތައް ބްލޮކްކޮށްގެންނެވެ. ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރާ ބައެއް އުޅަނދުތައް އެމެރިކާއިން އެބަހިފަހައްޓައެވެ. އީރާނުންވެސް އެބަހިފަހައްޓައެވެ. އެމެރިކާޔާއި އީރާނުގެ މެދުގައި ހުސްވި ހަފުތާގެ އަންގާރަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފަށަން އުޅުނު ވާހަކަތަކަށް އީރާނުން ވަފުދެއްވެސް ނުފޮނުވިއެވެ. މަޝްވަރާތައް ފެށުމުގެ ކުރިން ބްލޮކޭޑް އުވައިލަން އެމެރިކާ އެއްބަސް ނުވުމުންނެވެ. އެހެންނަމަވެސް މިހާރު އަނެެއްކާވެސް އުންމީދުގެ އަލިކަމެއް ލިބެން ފަށައިފިއެވެ. އެމެރިކާގެ ދިފާއީވަޒީރު ޕީޓް ހެގްސެތު ބުންޏެވެ. އެމެރިކާ އޮތީ އަދިވެސް އީރާނުގެ އިންތިޒާރުގައެވެ. ވަގުތު ފާއިތެެއް ނުވެއެވެ. އީރާނުންވެސް މިހާރު ލިބެމުންދަނީ އުންމީދުގެ މެސެޖުތަކެކެވެ.

އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީ ހުކުރުދުވަހުގެ ރޭގަޑުގެ ވަގުތެެއްގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންފިއެވެ. މިވަޑައިގަތުމެއް ވަޑައިގެންނެވީ ކުޑަވަރެއްގެ ވަފުދަކާވެސް އެކުގައެވެ. ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ދަތުރުގެ މަގުސަދަކީ އެމެރިކާޔާއި އީރާނުގެ މެދުގައި ހުއްޓިފައިވާ މަޝްވަރާތައް އަލުން ފެށޭނެ ގޮތެއްވޭތޯ ބެލުމެވެ. އެކަމަށްޓަކައި އީރާނުގެ ފަރާތުން ދެވެންއޮތް އެއްބާރުލުމަކާމެދު ޕާކިސްތާނުގެ ވެރިންނާ ވާހަކަ ދެއްކުމެވެ. އެމެރިކާޔާއި އީރާނުގެ ހަނގުރާމަޔަށް ދާއިމީ ނިމުމެއް ގެނެވެންއޮތް ހަމައެކަނި ގޮތަކީ ދެފަރާތުގެ މެދުގައި ސީދާސީދާ ވާހަކަތަކެއް ބޭއްވި އެއްބަސްވުމެއް ފައިދާވުމެވެ. އިސްލާމްއާބާދަށް އަރާގްޗީ ވަޑައިގަތީ ޕާކިސްތާނުގެ ވެރިންނާއެކު ފޯނުން ވަރަށް ދިގު ވާހަކަތަކެއް ދެކެވުމަށްފަހުގައެވެ. މި ވާހަކަތައް ދެކެވުނީވެސް ހުކުރުދުވަހުއެވެ.

އެކަން ޕާކިސްތާނުގެ ވެރިންވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ޔަގީންކޮށްދީފައެވެ. ފޯނުން ވާހަކަތަކެއް ދެކެވުމަށްފަހު ހަމައެރޭ އިސްލާމްއާބާދަށް ވަޑައިގެންނެވުމަށް އަރާގްޗީ ނިންމެވީ ވަރަށް އުންމީދު އެކުލެވޭ ކަންތައްތަކެއް ހުރުމުން ކަމަށް ގަބޫލު ކުރެވެއެވެ. މިވަގުތު ނޭނގެނީ އެއީ ކޮންކޮން ކަންތަކެއް ކަމެވެ. މިވަގުތު އެނގެނީ ޕާކިސްތާނާއި އީރާނުން ހާމަކުރާ މިންވަރެކެވެ. އީރާނުގެ ރަސްމީ ނޫސް އެޖެންސީ އިރްނާއިން ބުނަނީ އަރާގްޗީގެ ދަތުރުފުޅަކީ އެމެރިކާޔާއެކު މަޝްވަރާ ކުރައްވަން ކުރައްވާ ދަތުރުފުޅެއް ނޫންކަމަށާއި އޭނާ ބައްދަލު ކުރައްވާނީ އަދި މަޝްވަރާ ކުރައްވާނީވެސް ހަމައެކަނި ޕާކިސްތާނުގެ ލީޑަރުންނާ ކަމަށެވެ. އެހެންވީމާ މިދަތުރުފުޅަކީ ޕާކިސްތާނާއި އީރާނާ ދެގައުމުގެ ގުޅުމުގެ ތަރަހައިން ބޭރުވާނެ ދަތުރުފުޅެއް ނޫންކަމަށްވެސް އިރްނާއިން ބުނެއެވެ. އެފަރާތުން ބުނާގޮތުގައި އިސްލާމައާބާދަށްފަހު ރަޝިޔާގެ ވެރިރަށް މޮސްކޯއަށާއި އޮމާނުގެ ވެރިރަށް މަސްކަތަށްވެސް އައްބާސް އަރާގްޗީ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެތެރެއިން އޮމާނަކީ ގަލްފުގެ އަރަބި ގައުމެކެވެ. ހަނގުރާމައިގެ ތެރޭގައި އީރާނުގެ ރައްދު ހަމަލާތައް ހިސާބަކަށް އަމާޒުވެފައިވާ ގައުމެކެވެ. އެހެންނަމަވެސް ގަލްފުގެ އެހެނިހެން ގައުމުތަކާ ޚިލާފަށް އީރާނާ އަދާވާތްތެރިނުވުން ވަރަށްބޮޑަށް އިސްކުރާ ގައުމެކެވެ. ހޮރުމުޒް ކަނޑުއޮޅީގެ ހުޅަނގު އައްސޭރި ލިބިގެންވަނީވެސް އޮމާނަށެވެ. އީރާނަށް ލިބިގެންވަނީ އެކަނޑުއޮޅީގެ އިރުމަތީ އައްސޭރިއެވެ. މޮސްކޯގައި ރަޝިޔާގެ ލީޑަރުންނާއެކުވެސް އަދި މަސްކަތުގައި އޮމާނުގެ ލީޑަރުންނާއެކުވެސް އައްބާސް އަރާގްޗީ މަޝްވަރާ ކުރައްވާނެ ކަމަށް ގަބޫލު ކުރެވިފައިވަނީ ހަނގުރާމަޔަށް ދާއިމީ ނިމުމެެއް ގެނައުމުގެ އެއްބަސްވުން ފައިދާކުރާނެ ގޮތަކާމެދުގައެވެ. ޕާކިސްތާނުގެ ސީނިއަރ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އެމެރިކާޔާއި އީރާނުގެ މަންދޫބުން އެއްތަންވެ މަޝްވަރާތަކެއް ކުރެވި ދާއިމީ އެއްބަސްވުމެއް ގާއިމުކުރެވިދާނެ ކަމުގެ އުންމީދު މިހާރު ބޮޑުވެފައިވާ ކަމަށާއި އުންމީދު އައުވާންޖެހޭ ސަބަބުތަކެއްވެސް މިހާރު އެބަހުރި ކަމުގައެވެ.

އެކަމަކު އެއީ ކޮން ސަބަބުތަކެއްކަން އޭނާ ހާމައެއް ނުކުރައްވައެވެ. މިހާރު ޔަގީންވަނީ އެމެރިކާޔާއި އީރާނުގެ މެދުގައި އައުބުރެެއްގެ މަޝްވަރާތަކެއް ފެށުނަސް ފެށޭނީ ކުރިން ދެންނެވި ތިން ގައުމަށް އީރާނުގެ ޚާރިޖީވަޒީރު ކުރައްވާ ދަތުރުފުޅަށްފަހުގައި ކަމެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެންް އެގައުމުގެ ޚާރިޖީވަޒީރު ލަވަރޯފާ ބައްދަލު ކުރެެއްވުމަކީ ތަޖުރިބާކާރުން ކޮންމެވެސް ވަރަކަށް ފިކުރު ހިންގާން ޖެހުނު ކަމެކެވެ. ހަނގުރާމަ ހުއްޓުވުމުގައި ރަޝިޔާގެ ދައުރަކީ ކޮބައިކަމާ މެދުގައެވެ. މިހާތަނަށް އެޒާތުގެ ދައުރެެއް ރަޝިޔާއިން އަދާކުރަމުން އައިކަން އޮތީ ވަންހަނާ ވެފައެވެ. ރަޝިޔާ ފާހަގަކުރެވިފައިވަނީ ސިޔާސީގޮތުންނާއި އަސްކަރީގޮތުން އީރާނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެއްގެ ގޮތުގައެވެ. ބައެއް މީހުން ލަފާކުރާ ގޮތުގައި އައްބާސް އަރާގްޗީ މިދަނޑިވަޅުގައި ރަޝިޔާއަށް ވަޑައިގަންނަވަނީ އަލަށް ގާއިމުކުރާ އެއްބަސްވުމުގައި ރަޝިޔާގެ ދައުރެއް އޮތުމަށް އީރާނު އެދޭތީއެވެ.

އެދައުރަކީ އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމް ރަޝިޔާއާ ހަވާލުކުރުން ކަމަށް ވެދާނެއެވެ. އީރާނުގައި ގާތްގަނޑަކަށް ބައިޓަނުގެ ފައްކާކުރެވިފައިވާ ޔުރޭނިއަމް އެބަހުއްޓެވެ. އެތަކެތި އީރާނުން ބޭރުކުރުމަކީ އެމެރިކާގެ ޝަރުތެކެވެ. ރައީސް ޓްރަމްޕު ބޭނުންވަނީ މިދެންނެވި ސްޓޮކް ސީދާ އެމެރިކާއާ ހަވާލު ކުރުމަށެވެ. އެކަމަށް އީރާނު އެއްބަހެއް ނޫނެވެ. އެކަމަކު ޗައިނާ ނުވަތަ ރަޝިޔާއާ ހަވާލުކުރަން މުޅިއަކުން ދެކޮޅެއްވެސް ނޫނެވެ. ތަޖުރިބާކާރުންގެ ވިސްނުމުގައި އައްބާސް އަރާގްޗީ އޮމާނަށް ވަޑައިގަތުމުގެ ފަހަތުގައި އޮތީ ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ޗަންދާއެއް ނެގުމަށް އީރާނުން ނިންމާފައިވާ ނިންމުމާމެދު އެގައުމުގެ ވެރިންނާ މަޝްވަރާ ކުރެެއްވުމެވެ. ހޮރުމުޒް ކަނޑުއޮޅީގެ ހިއްސާ އޮމާނަށްވެސް އޮތުމާއެކު ކުރިން ދެންނެވި ޗަންދާއިން އޮމާނަށް ލިބެންޖެހޭ މިންވަރާމެދު ވާހަކަ ދެެއްކެވުމެވެ. އަދި ގަލްފުގެ އެހެނިހެން ގައުމުތަކަށް އީރާނުގެ ފަރާތުން އަންގަންޖެހޭ ކަންކަން އެންގެވުމެވެ