ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝަންހާއި އެވްރޮން އިންޓަނޭޝަނަލް ޓްރޭޑް ކޯ ލިމިޓެޑް (ޝަންހައި) އަށް ދެލައްކައަށްވުރެ ގިނަ ޑޮލަރު ދޭން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ޕީއެސްއެމްއަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކަށް ލިބެންޖެހި ނުލިބިވާ 718،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި އެ ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝަންހައިގެ ފަރާތުން ސިވިލްކޯޓުގައި ކުރި ދައުވާގެ މައްސަލައެކެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަމަކީ އިހްތިފާލް ނެތް ކަންކަން ކަމުގައި ބެލެވޭތީ އެކަންކަން އިތުރަށް ބަލައި ޗެކް ކުރުމަށްފަހު އެކަންކަން ލިޔުމުން ހުށަހެޅުގެ ފުރުސަތަކަށް ޕީއެސްއެމް އިން ކޯޓުގައި އެދުނެވެ.
އެ ފުރުސަތު ދިނުމުން އެ ދައުވާގައި ޝަންހައި އިން ހޯދުމަށް އެދިފައިވާ ޖުމުލަ 718،900 އެމެރިކާ ޑޮލަރަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި، އެހެންކަމުން އެ އަދަދަށް އިންކާރުކުރާ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
ނަމަވެސް މި މައްސަލައިގައި ހަވާލާދީފައިވާ ހަ ލެޑް ސްކްރީންގެ ތެރެއިން ޕީއެސްއެމްއަށް ލިބިފައިވަނީ ދެ ލެޑް ސްކްރީން ކަމަށްވާތީ އޭގެ އަގަށްވާ 285،150 ޑޮލަރަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް އެއްބަސްވާ ކަމަށާއި، އެ އަދަދުގެ ތެރެއިން ޕީއެސްއެމްއިން އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާފައިވާ 71،250 ޑޮލަރު އުނިކުރަންޖެހޭ ކަމަށްވެސް ބުންޏެވެ.
އަދި އެ ފައިސާ ފިޔަވައި ޝަންހައި އިން ހޯދަން އެދިފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި، އެ އަދަދުތަކަށް އިންކާރުކުރާ ސަބަބުތައް ޝަރީއަތުގެ މަރުހަލާގައި ބަޔާންކޮށްދޭނެ ކަމަށްވެސް ޕީއެސްއެމް އިން ބުންޏެވެ.
ޕީއެސްއެމްގެ މި ހުށަހެޅުމާ ގުޅިގެން ޝަންހައި އިން ކޯޓުގައި އެދުނީ، ޕީއެސްއެމް އިން ބުނެފައިވާގޮތަށް 285،150 ޑޮލަރަކީ އެ ފަރާތުން ދައްކަންޖެހޭ އަދަދު ކަމަށް ކަނޑައަޅައިދީ ހުކުމްކޮށްދިނުމަށެވެ. އަދި ޝަންހައި އިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން ޕީއެސްއެމް އިން އިންކާރު ކުރާ ފައިސާގެ އަދަދުގެ ބާކީ ބަޔާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅައި ދިނުމަށްވެސް އެދުނެވެ.
މި މައްސަލައިގައި މިދިޔަ ބުުރާސްފަތި ދުވަހު ސިވިލްކޯޓުން ހުކުމްކުރީ، މި ދައުވާގައި ޝަންހައި އިން ހޯދުމަށް އެދުނު ފައިސާގެ ތެރެއިން ޕީއެސްއެމް އިން އެއްބަސްވާ 285،150 ޑޮލަރުގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 71،250 ޑޮލަރު އުނި ކުރުމުން ބާކީގެ ގޮތުގައި ހިމެނޭ 213،900 ޑޮލަރަކީ ޕީއެސްއެމްގެ ފަރާތުން ޝަންހައި އަށް ދައްކަންޖެހޭ އެއްޗެއް ކަމަށް ޕީއެސްއެމްއިން އެއްބަސްވެފައިވާތީ، އެ އަދަދު ޝަންހައިއަށް ލިބި ދިނުމުގެ ގޮތުން 30 ދުވަހުގެ ތެރޭގައި 213،900 ޑޮލަރު ސިވިލްކޯޓަށް ދައްކައި ދަރަނި ހަލާސްކުރުމަށް ޕީއެސްއެމްއަށް އަންގައި އަމުރުކުރާ ކަމަށެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް