މިމަހުގެ 16 އާ ހަމައަށް ދައުލަތަށް ޖުމްލަ 13.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، ބަޖެޓު 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި އޮތް ކަމަށް ފިނޭންސް މިނިސްޓްރީގެ ހަފުތާ މާލީ ރިޕޯޓުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި 2026 ވަނަ އަހަރުގެ 15 ވަނަ ހަފުތާގެ ރިޕޯޓުގައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 12.2 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހުގެ ގޮތުގައި 10.9 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ 9.1 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 19.7 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އިންނެވެ. އެ ޓެކުހުން 4.3 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 17.5 އިންސައްތައިގެ އިތުރުވުމެކެވެ. އޭގެ އިތުރުން ގްރީން ޓެކުހުން 768.0 މިލިއަން ރުފިޔާ (33.5 އިންސައްތަ އިތުރު) އަދި ޑިޕާޗާ ޓެކުހުން 649.5 މިލިއަން ރުފިޔާ (39.1 އިންސައްތަ އިތުރު) ލިބިފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ހަރަދުގެ ގޮތުގައި ޖުމުލަ 12.0 ބިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރަށްވުރެ 16.9 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ ރިޕޯޓުގައިވެއެވެ. ރިކަރަންޓް ޚަރަދު 10.6 ބިލިއަން ރުފިޔާ އަށް އެރި އިރު، ކެޕިޓަލް ހަރަދު 39.9 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފައެވެ. ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީއަށް ކުރާ ހޭދައެވެ. ސަބްސިޑީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 36.2 އިންސައްތައިގެ އިތުރުވުމެކެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކެބިނެޓާއި މުއައްސަސާތަކުގެ އޮނިގަނޑަށް އައި ބަދަލުތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިމަހުގެ 15 ގައި ނެރުނު އިރުޝާދާ އެއްގޮތަށް ވުޒާރާތައް ތަރުތީބުކޮށްފައިވާ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދޫކުރާ ގްރާންޓް ބްލޮކް ގްރާންޓް އުސޫލު ބަދަލުވުމާ ގުޅިގެން، މިމަހުގެ 9 އިން ފެށިގެން އެ ޑިޕާޓްމަންޓުގެ ހަރަދުތައް ބަޖެޓް ތާވަލުތަކުން ވަނީ އުނިކޮށްފައެވެ.