ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން އެތައް ގައުމަކަށް ތެލާއި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވަމުން ދިޔަ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންތެރި ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެ އެފަދަ ކަމަކަށް ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ބޭރުގެ ގައުމުތަކުން ދެމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. ފިއްލަދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާޑުގެ ބާވަތްތަކުގެ އަގު އުފުލި، ބައެއް ގައުމުތަކުން އެ ތަކެތި ހުސްވަމުންދާ ކަމަށެވެ.

ނަމަވެސް، ރާއްޖެއަކީ ސައްތަ އިންސައްތަ އިސްލާމީ ގައުމަކަށް ވެފައި، ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ބޭރުގެ ގައުމުތަކުގެ އިތުބާރު ރާއްޖެއަށް އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދުނިޔޭގެ ގައުމުތަކުން އެ ދަނީ ބުނަމުން، އެ މީހުން ތިއްބަކަ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ ތެލަކަށްވެސް، ގޭހަކަށްވެސް އަދި ކާޑަކަށްވެސް ނުޖެހޭނެޔޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ އެއްވެސް ސަރުކާރަކަށް ކޮންޓްރޯލް ކުރެވޭނެކަމެއް ނޫން ނަމަވެސް، އޭގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫއާއެކު ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްޑީޕީން ދަނީ ބޭރުގެ ގައުމުތަކަށް މެސެޖުތައް ފޮނުވައި ރާއްޖެއަށް ދަތިކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ފަތުރުވެރިން ނައުމަށާއި ކާޑު ނުފޮނުވުމަށް ގޮވާލުމަކީ އެމްޑީޕީގެ އާދައެއްކަމަށް ސައީދު ވިދާޅުވިއެވެ.

މަގުމަތީގައި މިހާރު ކުރިއަށްދާ އިހުތިޖާޖުތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ، ޕީއެންސީގެ ޓީމަކީވެސް މަގުމަތީގެ ހަރަކާތްތަކަށް ވަރަށް ފަރިތަ އަދި އެކަމުގެ ތަމްރީނު ލިބިފައިވާ ބައެއް ކަމަށެވެ.