ފެނަކަ ކޯޕަރޭޝަނުން ބ.، ޅ.، އަދި މ. އަތޮޅުގެ ރަށްރަށުގައި ދެމުންގެންދާ ޔުޓިލިޓީ ހިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން އެ ނިންމުމުގެ މައިގަނޑު މަގުސަދަކީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަށަވަރުކުރުމާއި، ހިންގުން ހަރުދަނާކޮށް، އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

އެ ބަދަލާ އެކު ސްޓެލްކޯގެ ހިދުމަތުގެ ދާއިރާއަށް ބ. އަތޮޅުން 13 ރަށެއް އިތުރުވާނެއެވެ. އެއީ ދަރަވަންދޫ، ދޮންފަނު، އޭދަފުށި، ފެހެންދޫ، ފުޅަދޫ، ގޮއިދޫ، ހިތާދޫ، ކަމަދޫ، ކެންދޫ، ކިހާދޫ، ކުޑަރިކިލު، މާޅޮސް، އަދި ތުޅާދޫއެވެ.

ޅ. އަތޮޅުން ހިންނަވަރު، ކުރެންދޫ، ނައިފަރު، އަދި އޮޅުވެލިފުށި ބަދަލުވާ އިރު، މ. އަތޮޅުން ބަދަލުވަނީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރީ، މުލައް، މުލި، ނާލާފުށި، ރައިމަންދޫ، އަދި ވޭވަށެވެ. ސްޓެލްކޯއިން މިހާރު ވެސް ކ.، ވ.، އއ.، އަދި އދ. އަތޮޅުގެ ރަށްރަށުގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދެއެވެ.

އެ މިނިސްޓްރީން ބުނީ އެ ބަދަލު ގެންނާނީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކަށް އެއްވެސް ބުރޫއެރުމެއް ނެތި، ރޭވިގެން އަދި ވިލަރެސްކުރެވިގެން ކަމަށެވެ. މުވައްޒަފުންނާއި ވަސީލަތްތައް ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.