ކާށިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކުރައްވައިފިއެވެ.
ޖާބިރު "ވަން" އަށް މިއަދު ވިދާޅުވީ ޕީއެންސީއަށް ގުޅިވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
"އަޅުގަނޑު އެދެނީ ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުން ޕީއެންސީއާ ގުޅިވަޑައިގަތުމަށް. އެއީ ރާއްޖޭގެ މުސްތަގުބަލަކީ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އެންމެ ފަހުން ހުންނެވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 25 ވަނަ ދުވަހު ޖާބިރު "ވަން" އަށް ވިދާޅުވެފައިވަނީ އެމްޑީޕީން އޭނާ ވަކިވިތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ދެ އަހަރެއްހާ ދުވަހުގެ ބްރޭކަކަށްފަހު އަލުން ސިޔާސީ މައިދާނުގައި ދެން "ގަދަކޮށް" ފެންނާނެ ކަމަށެވެ.
"އަޅުގަނޑު މި ހުރިހާ ދުވަހު މިއުޅުނީ ވިޔަފާރީގެ ކަންކަމުގައި ރާއްޖެއިން ބޭރުގައި. އެހެން ނަމަވެސް ގައުމަށްވާ ކަންކަން އަބަދުވެސް ވަރަށް ގާތުން އަޅުގަނޑު ބަލަން" ޖާބިރު ވިދާޅުވެފައިވެއެވެ.
ޖާބިރު ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް އޭނާއަށް ވަރަށް ބޮޑަށް ކަމުދާ ކަމަށާއި ސަރުކާރާ ގުޅިގެން ސަރުކާރަށް އެހީތެރިވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ކަމުދޭ ދަރަނި މެނޭޖުކުރުމާއި ބޭންކްރަޕްޓްވަމުންދިޔަ އިގުތިސޯދެއް ކޮޅަށް ޖެހުމަށް އެ މަނިކުފާނު އެ ކުރައްވާ މަސައްކަތްޕުޅު" ޖާބިރު ވިދާޅުވެފައިވެއެވެ.
މިފަހުން ޕީއެންސީން ބޭއްވި ޖަލްސާތަކުގައިވެސް ޖާބިރުވަނީ ބައިވެރިވެވަޑައިގެންފައެވެ.
މުހައްމަދު އިޝާން
އަބްދުﷲ ޖާބިރު
އަބްދުﷲ ޖާބިރު
އަބްދުﷲ ޖާބިރު