އއ. މަތިވެރީގައި ހުންނަ ކަސާ މިއާ ގެސްޓްހައުސް އެ ރަށުގެ ކައުންސިލާ ހަވާލުކޮށްފިއެވެ.

ކާސާ މިއާއަކީ، މަތިވެރީގެ ޓޫރިޒަމް ޒޯނުން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރަށް ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ 50 ކޮޓަރީގެ ގެސްޓުހައުސްއެކެވެ.

ކަސާ މިއާ ގެސްޓްހައުސްގައި މަސައްކަތްކުރާ މީހުންނަށް މުސާރަ ނުދޭ މައްސަލަ އާއި ގެސްޓްހައުސްގެ ބިމު ކުއްޔަށް ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކާ އޮތުމުން، ރައްޔިތުންނާއި ކައުންސިލުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް، ރަށުގައި ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވެއެވެ. މީގެ ތެރޭގައި ގެސްޓް ހައުސްގެ ކޮޓަރިއެއްގައި ރޯކޮށްލުމާއި ޖާބިރާ ދެކޮޅަށް އިހުތިޖާޖުކޮށް، ރަށުން ބޭރުކުރުން ހިމެނެއެވެ.

ކާސާ މިއާ މަތިވެރީ ރައްޔިތުންނަށް ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ރައީސް އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރިއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވަނީ ކާސާ މިއާ އެ ރަށުގެ ކައުންސިލާ ހަވާލުކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ކާސާ މިއާ މަތިވެރި ކައުންސިލާ ހަވާލިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ކައުންސިލުގެ ފަރާތުން ކާސާ މިއާއާ ހަވާލުވެލެއްވީ ކައުންސިލުގެ ރައީސް އަހުމަދު އަސްލަމެވެ.

ކައުންސިލަށް ކާސާ މިއާ ހަވާލުވުމަކީ، މަތިވެރީގެ ތަރައްގީއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ރައީސް މުއިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ.