އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ނިންމާފައި ވަނިކޮށް، ކާށިދޫ ދާާއިރާގެ މިހާރުގެ ވެސް މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ޓިކެޓު އަތުލައި، އެ ދާއިރާއަށް އެހެން ކެންޑިޑޭޓަކު ނެރެފައިވާ މައްސަލައިގައި އެކަން ހުއްޓުވަން އަމުރު ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ޖާބިރު އަތުން އެމްޑީޕީ ޓިކެޓު އަތުލީ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރައްވަމުންދާ މައްސަލައިގައި އޭނާ އެމްޑީޕީން ވަކި ކުރުމަށްފަހުގައެވެ.

"މިކަމަކީ މި ޕާޓީއާއި ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތަށް އުނިކަން ލިބޭ ފަދަ އަމަލެއްކަމުގައިވާތީ މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމަށްފަހު އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމާފައި،" ޖާބިރުގެ މައްސަލައިގައި އެމްޑީޕީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެއަށްފަހު ކާށިދޫ ދާއިރާއަށް އެމްޑީޕީން ވާދަކުރާނީ ގާނޫނީ ވަކީލު އަދި ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އަބްދުﷲ ނަސީރު ކަމަށްވެސް އެމްޑީޕީން ނިންމިއެވެ.

އެކަމާ ގުޅީގެން ޖާބިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އެމްޑީޕީގެ އެ އަމަލަކީ ޖާބިރުގެ އިންތިހާބީ ހައްގަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. އެހެންކަމުން އެމްޑީޕީން އަބްދުﷲ ނަސީރަށް ކާށިދޫ ދާއިރާގެ ޓިކެޓު ދީފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްބުނެ އެ ޓިކެޓު ކެންސަލް ކުރުމުގެ ކޯޓު އަމުރެއް ނެރެދެއްްވައި، ޖާބިރުގެ ގެއްލިފައިވާ އިންތިހާބީ ހައްގު ހޯދައި ދެއްވުމަށާއި، އެމްޑީޕީން ހިންގި އަމަލުގެ ސަަބަބުން ޖާބިރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށްވެސް ޖާބިރު ސިވިލް ކޯޓުގައި އެދުނެވެ.

މި މައްސަލަ ކޯޓުން ނިމެންދެން ކުރިއަށް އޮތް އިންތިހާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓުގައި ޖާބިރު ފިޔަވައި އެހެން ފަރާތެއް ނުނެރެ މަޑުޖައްސައިލުމަށް އެމްޑީޕީގެ މައްޗަށާއި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ޖާބިރު އެދިފައިވެެއެވެ.

ވަގުތީ އަމުރުގެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ވަނީ، މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ކެންޑިޑެސީގެ ކަންތައް އިލެކްޝަންސް ކޮމިޝަނުން ފުރިހަމަކޮށް ނިންމާފައިވާތީ އާއި އިލެކްޝަންސް އަކީ ހުށަހަޅާފައިވާ ދައުވާ ރައްދު ކޮށްފައިވާ ފަރާތަކަށް ނުވާތީ، ކޯޓު އަމުރު މެދުވެރިކޮށް މި މައްސަލައިގައި ޖާބިރު ހޯދުމަށް އެދިފައިވާ ވަގުތީ ފަރުވާގެ ހާލަތު މި ހިނދަށް ދެވެން ނެތް ކަމަށެވެ.