ދިރާގުން ރޯދަމަހު ކުރިއަށްގެންދިޔަ "ކާށްޓެއް ބިނދެގެން ޗައިނާއަށް" ދެވޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާންކޮށްފިއެވެ.

މިއީ ރޯދަމަހު ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއަކާއެކު އަގުހުރި އިނާމުތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދިޔަ ޑިޖިޓަލް އެންގޭޖްމެންޓް ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަންގައި ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ކާށްޓެެއް ބިނދެގެން ކަސްޓަމަރުންނަށް ދުވާލަކު ދެ ޖީބީގެ ހިލޭ ޑޭޓާ ދީފައިވެއެވެ. އޭގެ އިތުރުން، މުޅި ރޯދަ މަހުގެ ކޮންމެ ދުވަހަކު އެ ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް ޗައިނާއަށް ދެ މީހުންގެ ޗުއްޓީ ދަތުރެއް ވަނީ ލިބިފައެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި އިއުލާނުކޮށްފައިވަނީ މިމަހުގެ 8 ގައި ދިރާގުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދިން ޕްރޮގްރާމެއްގައެވެ. އެ ގުރުއަތުން ނަސީބުވެރިޔަކަށް ހޮވިފައިވަނީ މުހައްމަދު ޒީހާން އަބްދުﷲ އެވެ.

ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގެ ބޮޑު އިނާމަށް ޝަރުތު ހަމަވުމަށްޓަކައި، ކޮންމެ ދުވަހަކު ކާށި ފަޅައި، ވިދިވިދިގެން 30 ދުވަހު އެ ހަރަކާތުގައި ބައިވެރިވާން ޖެހެއެވެ.

ދިރާގުގެ މައިގަނޑު އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމެވެ. އެގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާތު ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ދަނީ ކުރިއަށްގެންދަމުންނެވެ.