ތިނަދޫ ސިޓީގައި މީހަކު މަރުވި މައްސަލައިގައި، އިތުރު ތަހުގީގަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް ނިންމައިފިއެވެ.

ތިނަދޫގައި މިއަދުގެ ވަގުތެއްގައި މަރުވި އުމުރުން 44 އަހަރުގެ ފިރިހެން މީހާގެ ކަށުނަމާދު މިރޭ 12:00 ގައި ތިނަދޫގައި ބާއްވާގޮތަށް ކުރިން ނިންމާފައިވީ ނަމަވެސް، ކުއްލިގޮތަކަށް ކަށުނަމާދު ވަނީ ފަސްކޮށްފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކަށުނަމާދު ފަސްކޮށްފައިވަނީ އޭނާގެ ސީޓީ ސްކޭން ހެދި އިރު، ޝައްކުތަކެއް ހުރި ކަމަށް ފާހަގަކުރެވޭތީ އޭނާގެ ހަށިގަނޑު މާލެ ގެނައުމަށެވެ.

އެ މަރުގައި ޝައްކުތަކެއް ފާހަގަކުރެވޭ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ރަސްމީކޮށް ބުނެފައެއް ނުވެއެވެ. އަދި އެ މަރުގެ މައްސަލައިގައި ތަހުގީގެއް ކުރިއަށްގެންދާކަމުގެ މައުލޫމާތެއް ވެސް ދީފައެއް ނުވެއެވެ.

މިއަދު މަރުވި އެ މީހާއަކީ އަޑުއިވުމުން މަހުރޫމުވެފައިވާ މީހެކެވެ.