ޗައިނާގެ ސަންޔާއިން: މުހައްމަދު ޝައްމޫން، ވަން ސްޕޯޓްސް
---------------------
ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފްލެގް ބެއަރާސްގެ ގޮތުގައި އެތުލެޓިކްސް ތަރި އަހްނާ ނިޒާރާއި ބީޗް ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން ޝަމްނޫޒް މުހައްމަދު ނައީމް ހަމަޖައްސައި، ރަސްމީކޮށް ދިދަ ހަވާލު ކޮށްފިއެވެ.
ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ހަތަރު ކުޅިވަރަކުންނެވެ. އެއީ ބީޗް ހޭންޑްބޯޅައާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ. ކުޅިވަރުތަކުގައި ރާއްޖޭގެ 27 އެތުލީޓުން ވާދަކުރާނެއެވެ.
މިއަދު އޮންނަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ ފްލެގް ބެއަރާސްއާ ރަސްމީކޮށް ދިދަ ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.
ދިދަ ހަވާލުކުރުމަށް އެތުލީޓްސް ވިލެޖުގައި ބޭއްވި ހާއްސަ އިވެންޓްގައި އެމްއޯސީގެ ރައީސް ސައްތާރާއި ތޮލާލް ވަނީ އެތުލީޓުންނަށް ހިތްވަރު ދެއްވައި، ގޭމްސްގައި ރާއްޖެ ތަމްސީލުކުރުމަކީ ހުރިހާ އެތުލީޓުންނަށްވެސް ލިބޭނެ ޝަރަފެއް ކަމަށް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
މިއަދު ބޭއްވި އިވެންޓްގައި އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދުވެސް ވަނީ އެތުލީޓުންނަށް ހިތްވަރު ދެއްވައި، ރާއްޖެ ތަމްސީލު ކުރުމުގައި ނަމޫނާ ދައްކަވައި، އަބަދުވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ފްލެގް ބެއަރާގެީ ގޮތުގައި ހަމަޖެހިގެން ދިޔަ ދެ އެތުލީޓުންނަކ މީގެ ކުރީންވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް، ކާމިޔާބުވެސް ހޯދާފައިވާ ދެ އެތުލީޓުންނެވެ. ދެ އެތުލީޓުންގެ ފަރާތުންވެސް ފާހަގަކުރެއްވީ ގޭމްސްގައި ދިދަ ވިހުރުވާލަން ފުރުސަތު ލިބުމަކީ ލިބުނު ފަހުރެއް ކަމަށާއި، ރާއްޖެ ތަމްސީލުކުރުމުގައި ހުރިހާ އެތުލީޓުންވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ލިބުނު ފުރުސަތަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ދެ އެތުލީޓުންވެސް ފާހަގަކުރިއެވެ.
މުޙައްމަދު ޝަމްޢޫން
އޭޝިއަން ބީޗް ގޭމްސް
އޭޝިއަން ބީޗް ގޭމްސް
އޭޝިއަން ބީޗް ގޭމްސް
އޭޝިއަން ބީޗް ގޭމްސް