އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އެ މީހުންނާމެދު އިހުމާލުވަމުންދާ މައްސަލަތަކަށް އަދުލުވެރި ހައްލެއް ގެނެވޭނީ އެކަމާބެހޭ ގާނޫނަކުން ކަމަށް މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ، ގަވާއިދު ތަކާއި އުސޫލުތަކަށް ބަދަލު ގެނެސްގެންވެސް އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ވަމުންދާ އިހުމާލުގެ މައްސަލަ ތަކަށް ހައްލު ނުލިބޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރަތް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖާއި އުމުރާގެ ކަންތައްތަކާ ގުޅޭ ގާނޫނެއް އެކުލަވައިލުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ.

އެ ގާނޫނުގެ ތެރޭގައި، ހައްޖު ކޯޕަރޭޝަންގެ ދައުރު ފުރިހަމަޔަށް ބަޔާންވެފައި އޮންނާނެ ކަމަށައި، އަމިއްލަ ކުންފުނިތަކުގެ ދައުރު ވެސް ބަޔާންވެފައި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

އެ ގާނޫނުގައި އެފަދަ ކުށްތަކަށް ގާނޫނީގޮތުން އެޅޭނެ ފިޔަވަޅުތައް ހިމެނޭނެ ކަމަށްވެސް މިނިސްޓަރު ވިދަޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ހައްޖާއި އުމްރާގެ މަސައްކަތަކީ، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަންކަމަށާއި އެހެންކަމުން އެ ގާނޫނު އެކުލަވައިލައި ވުޖޫދު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެެވެ.