މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތިންވަނަ އަހަރީ ރިސާޗް ކޮންފަރެންސަށް ދިރާސާ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން މިއަދު ބުނީ އެ ކޮންފަރެންސް ބާއްވާނީ "ސްޓްރަކްޗަރަލް އަދި ގްލޯބަލް ޓްރާންސިޝަންތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއަށް މެކްރޯއިކޮނޮމިކް އަދި މާލީ ހަމަޖެހުން" މި ޝިއާރުގެ ދަށުން ކަމަށެވެ.
އެ ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިގުތިސާދީ ދާއިރާގެ ފަންނުވެރިންނާއި ދިރާސާ ކުރައްވާ ބޭފުޅުން އެއް ތަނަކަށް ގެނެސް، މިހާރުގެ އިގުތިސާދީ އަދި ސިޔާސަތާ ގުޅޭ މައްސަލަތަކާ ބެހޭ އާ ދިރާސާތައް ހުށަހަޅައި މަޝްވަރާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ކޮންފަރެންސް އަމާޒުކުރެވިފައިވަނީ ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވާ ބައިނަލްއަގުވާމީ ގޮންޖެހުންތަކާއި ހީނަރުކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއަށް މެކްރޯއިކޮނޮމިކް އަދި މާލީ ހަމަޖެހުމުގެ ދައުރާ ގުޅޭ ގޮތަށެވެ. ކަރުދާސް ހުށަހެޅޭ ދާއިރާތަކުގެ ތެރޭގައި މަނިޓަރީ ސިޔާސަތު، އަގު ހަމަޖެހުން، މާލީ ހަމަޖެހުމާއި ރެގިއުލޭޝަން، އިސްލާމިކް ފައިނޭންސް، ޑިޖިޓަލް ފައިނޭންސް، މޫސުމީ ނުރައްކާ، ފިސްކަލް ދެމެހެއްޓެނިވިކަން، ބޯހިޔާވަހިކަމާއި ސްޕެޝަލް އިކޮނޮމިކްސް، އަދި ހެލްތު އިކޮނޮމިކްސް ހިމެނެއެވެ.
އެމްއެމްއޭއިން ބުނީ ދިރާސާ ކުރައްވާ ބޭފުޅުންނާއި، މަރުކަޒީ ބޭންކުތަކާއި ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނާއި، މަލްޓިލެޓަރަލް ޖަމާއަތްތަކާއި ޕްރައިވެޓް ސެކްޓަރުގެ ފަރާތްތަކާއި، ސިޔާސަތާ ގުޅުންހުރި ދިރާސާ ކުރާ ގްރެޖުއޭޓް ދަރިވަރުންނަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ކަރުދާސް ހުށަހަޅަންޖެހެނީ އިނގިރޭސި ބަހުން މައިކްރޮސޮފްޓް ވޯޑް ފޯމެޓުގައި 150 އާއި 250 ލަފުޒާ ދެމެދުގެ ދިގުމިނުގައެވެ.
އެ ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 20 އެވެ. ހޮވޭ ކަރުދާސްތައް އަންނަ ޖޫން މަހުގެ 3 ގައި އިއުލާންކުރާ އިރު، ފުލް ޕޭޕަރު ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ 3 އެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ