ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި، ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި މަސައްކަތްކުރާ ފަރުދުންނާއި ޖަމިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ހާއްސަ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހުޅުވާލައިފިއެވެ.

މިއީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ފާހަގަކުރާ "ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ" ގުޅުވައިގެން ދިނުމަށް ނިންމާފައިވާ އެވޯޑުތަކެކެވެ. ރާއްޖޭގައިވެސް ފާހަގަކުރާ މި ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" އެވެ.

އެޗްޕީއޭއިން މިރޭކުރި އިއުލާނެއްގައި ބުނީ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" ދިނުމުގެ މައިގަނޑު ބޭނުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވާ މީހުންނާއި ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ބަލައިގަނެ، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުން ކަމަށެވެ.

އެގޮތުން ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި، މަދަނީ ޖަމިއްޔާތަކާއި، އެކި އިދާރާތަކަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ:

  • ދުންފަތް ކޮންޓްރޯލް ކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްކުރާ ފަރުދުންނަށް ދޭ އެވޯޑު.
  • މަދަނީ ޖަމިއްޔާތަކަށް (އެންޖީއޯ) ހާއްސަ އެވޯޑު
  • ޒުވާނުންގެ ގިންތިން ހޮވާލެވޭ ހާއްސަ އެވޯޑު.

އެ އެވޯޑުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަސްކަމަށް އެޗްޕީއޭއިން ބުންޏެވެ.