އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގެ ސަބަބުން ގްރޫޕް ހަތަކުން ދަށުގެ ކުދިންނަށް އިންޓަ ސްކޫލް މުބާރާތަށް ނުބޭއްވޭ ގޮތަށް މިހާރު އޮތް އޮތުމަށް ދަނީ މަޝްވަރާ ކުރެވެމުން ކަމަށާއި، ގެންނަން ޖެހޭ ބަދަލު ގެނެސްގެންވެސް ކުޅިވަރު މުބާރާތްތައް ބާއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، އިންޓަ ސްކޫލް ލެވަލްގައި، "14 (ސާދަ) އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާނީ ގްރޭޑް 7 އިން ފެށިގެން މަތީގެ ދަރިވަރުންނެވެ" މިހެނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމާއެކު، ގްރޭޑް 7 އިން ދަށަށް އިންޓަ ސްކޫލްގެ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު އެސޯސިއޭޝަންތަކަށް ގެއްލުނީ އެވެ. އަދި، އިންޓަ ސްކޫލް މުބާރާތްތައް މީގެ ކުރިން ބާއްވަމުން އައި 12 އަހަރުން ދަަށުގެ ކެޓަަގަރީ ފަދަ މުހިންމު އުމުރުފުރާއެއްގައި، އަދި އޭގެއިން ދަށް އުމުރުގެ ކުދިން ކުޅިވަރު ކުޅުންތެރިން ގޮތަށް ޑިވެލޮޕްކުުރުމުގެ ފުރުސަތު ކުޅިވަރު އެސޯސިއޭޝަންތަކަށް ގެއްލުމާއެކު، އެކަމުގެ ޝަކުވާ އެސޯސިއޭޝަންތަކުން ވަނީ އުފުލައިފައެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ޕްރެސްގައި މިނިސްޓަރު ފާހަގަކުރެއްވީ ކުޅިވަރުތައް ބޭއްވޭނީ ކިހިނެއްކަމާ މެދު އެސޯސިއޭޝަންތަކާއި ސްޕޯޓްސް މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މަޝްވަރާ ކުރެވިގެން، މިހާރު އޮންނަ ގޮތަށް ބަދަލެއް ގެނެސްގެންވެސް މުބާރާތްތައް ބާއްވާނެ ކަމަށެވެ.
"މިއަހަރުގެ އެކަޑެމިކް އިޔާއަކީ ތަފާތު ވެގެންދިޔަ އަހަރެއް. އޮތް އެކަޑަމިކް ދުވަސްތައް ވީހާވެސް ދިގު ކުރެވޭނެ ގޮތަކަށް ވިސްނައި، ކުޅިވަރުތައް ބޭއްވޭނީ ކިހިނެއްކަމާ މެދު އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވިގެން ދިޔަ. އެ މަޝްވަރާތައް މިހާރުވެސް މިދަނީ ކުރިއަށް. އެހެން ނަމަވެސް ސްކޫލްތަކުގެ މުބާރާތްތައް ނުބޭއްވޭނެ ގޮތަކަށް އަޅުގަނޑުމެންނަށް ޑިސްކަސްއެއް ނުއެއް ކުރެވޭ. އެހެން ނަމަވެސް ސުވާލު ކުރެވުނީ އިންޓަ ސްކޫލް ކިޔާފައި މުބާރާތެއް ބާއްވާނީތޯ، ރާއްޖެ ޖޫނިއާސް ކިޔާފައި މުބާރާތެއް ބާއްވާނީތޯ. އެހެން ނަމަވެސް އެ ސާކިއުލާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާތަކެއް ކުރަމުން އެބަގެންދަން، މާދަމާ، އިރާދަކުރެއްވިއްޔާ، އެސޯސިއޭޝަންތަކާއި މިނިސްޓްރީއާ އެއްކޮށް މަޝްވަރާތަކެއް ކުރެވިގެންދާނެ، އިރާދަކުރެއްވިއްޔާ، އެ ސްކޫލްތަކުގެ އެ ކުޅިވަަރު މުބާރާތްތައް ކުރިއަށް އޮތްތަނުގައި ކުރިއަށްދާނެ،" ރާފިއު ވިދާޅުވިއެވެ.
ރާއްޖޭގެ އިންޓަ ސްކޫލް ކުޅިވަރަށް ބަދަލު ގެނައުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށް މީގެ ކުރިންވެސް ރާފިއު ފާހަގަކުރެއްވިއެވެ. އެގޮތުން ކުޅިވަރު ގާނޫނަށް ގެނައި ބަދަލާއެކު އިންޓަ ސްކޫލް ކުޅިވަރުތަކަށް ހާއްސަ އޮތޯރިޓީއެއްވެސް އުފައްދަން ވަނީ މަސައްކަތް ފަށައިފައެވެ. މިނިސްޓަރު ވިދާޅުވީ، ސްކޫލް ކުދިންގެ ކުޅިވަރު މުބާރާތްތައް ބައްޓަން ކުރާނެ ގޮތަކަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"ކޮން އޭޖް ގްރޫޕަކުންތޯ ފެސްޓިވަލް ސްޓައިލަށް އަޅުގަނޑުމެން ކުޅެމުންދާނީ، ކޮން އޭޖްތަކަކުންތޯ އިންޓަ ސްކޫލް މުބާރާތްތައް ކޮމްޕެޓިޓިވް ލެވަލްގައި ކުޅެމުންދާނީ. މިއީ، އަޅުގަނޑުމެން ޑިސްކަސް ކުރަން ބޭނުންވާ ކަމަކީވެސް. މީގެ ތެރޭގައި ކުދިންނަށް މިނިމަމް ކިތައް ކުޅިވަރުގައިތޯ ބައިވެރިވެވޭނީ. ނޫނީ މެކްސިމަމް ކިތައް ކުޅިވަރުގައިތޯ ބަައިވެރިވެވޭނީ، އަދި އެ ކުޅިވަރުތަކުގެ ވައްތަރުތަކަށް ބަލާފައި ކިހިނެއްތޯ އަޅުގަނޑުމެން ބައިވެރިވުން އެންމެ ރަނގަޅީ. ޓީމު ސްޕޯޓެއް ނޫނީ އިންޑިވިޖުއަލް ސްޕޯޓެއް ވެއްޖިއްޔާ ކިިހިނެއްތޯ އަޅުގަނޑުމެން އެ ޑައިރެކްޝަން ގެންދާނީ،" ރާފިއު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު މަޝްވަރާ ކުރަން މި ޖެހެނީ ސްކޫލް ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ފެސްޓިވަލް ބާއްވާނީ ކިތައް އަހަރުގެ ކުދިންނަށްތޯ، ނޫނީ ވާދަވެރި މުބާރާތްތައް ބާއްވާނީ ކިތައް އަހަރުގެ ކުދިންނަށްތޯ ކަމަށެވެ. އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިސާލަކަށް 12 އަހަރުން ދަށުގެ ކުދިންވެސް ކުޅިވަރުތަކުގައި ބައިވެރިކުރަން ޖެހޭ ކަމަށާއި، އެ އުމުރަކީ ކުދިން ހުނަރު ތަރައްގީ ވެގެންދާ އުމުރު ކަމަށެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު