(13 އޭޕްރީލްގެ އަދަދާ ގުޅޭ)

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ދަޢުވަތުގެ ހުރިހައި މަރްޙަލާތަކެއްގައި އެކަމަނާ އިތުރު ސާހިބާގެ ބުރިކަށިފުޅު ޙިމާޔަތް ކޮށްދެއްވިއެވެ. އިތުރު ސާހިބާއަށް ލިބިވަޑައިގަންނަވާ ކޮންމެ ތަކްލީފެއް ލުއިކޮށްދެއްވާން އެކަމަނާ އިންނަވަނީ އަބަދުވެސް ކަމަރު ބަނދެވަޑައިގެންނެވެ. އެހެންކަމުން އެހެން އެއްވެސް ބަޔަކު اللّــــه سبحـــانــــه وتــعــــالــــى ގެ ޙަޟުރަތަށް ސަޖިދަކޮށް ރުކޫޢު ނުކުރާ ރޭތަކަކާއި ދުވަސްތަކަކު އެ ދެކަނބަލުން މާތް اللّــــه އަށް ސަޖިދަކުރައްވައި ރުކޫޢު ކުރައްވައި ތަސްބީޙައާއި ތަޙްމީދު ވިދާޅުވަމުން ގެންދެވިއެވެ. (السّــيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى)

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ރަޙްމަތް ތަޙްރީކު މުސްތަޤްބަލުގައި ހައްދަވާން ޖެހިވަޑައިގަންނަވަނީ ބައިނަލްއަޤްވާމީ ތަޙްރީކަކަށެވެ. އެކަމަކުވެސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ތަޙްރީކު ފެއްޓެވީ އިސްވެދެންނެވި ފަދައިން އަމިއްލަފުޅު ގެކޮޅުގެ ތެރެއިންނެވެ. ޝައްކެއްނެތެވެ. ގެއަކީ މުޖްތަމަޢުގެ ބިންގަލެވެ. އެހެންކަމުން އާރުލާ ތަޙްރީކަކަށް ބޭނުންވާ އެންމެފުރަތަމަ ޝަރުޠަކީ ވަރުގަދަ ބިންގަލެއްގެ މަތީގައި ތަޙްރީކު ބިނާކުރުމެވެ. ކޮންމެ ފިރިހެނެއްގެވެސް ޙަޔާތުގެ ބައިވެރިޔާއަކީ ފިރިމީހާގެ ހަރުދަނާކަމާއި އެމީހެއްގެ ކިބައިގައި ހުރިނަމަހުރި ދޯހަޅިކަމެއް އެންމެބޮޑަށް އެނގޭނެ މީހާއެވެ. ފިރިމީހާގައި ހުންނަ ބަލިކަށިކަމަކާއި އެމީހެއްގެ ހުރި އުރަތްޕެއް އެންމެބޮޑަށް ދަންނަ ސިއްރުވެރިޔާއެވެ. އެހެންކަމުން އަނތްބަކު ތިމާގެ ފިރިމީހާއަކީ ތެދުވެރިޔަކު ކަމުގައި ދެކެ އެމީހަކަށް އީމާންވުމާއި ފިރިމީހާގެ އިންޤިލާބީ ތަޙްރީކެއްގައި އެ ތަޙްރީކެއްގެ ޙަރަކާތްތެރި އިސްމެންބަރެއްގެ ގޮތުން ބައިވެރިވުމަކީ ބުއްދީގެ ބޭނުންކުރާ އަދި ޙައްޤު ހޯދާންއުޅޭ މީހުންގެ ކުރިމަތީގައި އެ ތަޙްރީކެއްގެ ބުންވަރާއި އައިތަވެރިކަމުގެ ދަލީލެކެވެ. ޙުއްޖަތެކެވެ. އެހެންމީހުން އެ ތަޙްރީކެއް ޤަބޫލުކޮށް އެ ތަޙްރީކަކަށް އިތުބާރުކުރުމުގެ ސަބަބެކެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ތަޙްރީކުގެ ތަޙްލީލުކުރެއްވި މުފައްކިރުންގެ އެތައް ބޭފުޅުންނެއްވަނީ އެކަން ފާހަގަކުރައްވައިފައެވެ.

އަބަދުވެސް ހަނދާން ބަހައްޓާންޖެހޭ ކަމެކެވެ. އެޒަމާނުގައި މީހަކު އިސްލާމްވެ ޝަހާދަތުގެ ދެކަލިމަ ކިޔައި އީމާންވަނީ ބޭރުފުށަކުން ނޫނެވެ. މުސްލިމުންގެ ތެރޭގައި މުނާފިޤުކަން އުފެދުނީ މަދަނީ ދައުރުގައެވެ. މައްކީ ދައުރުގައި މީހަކު އިސްލާމީ ދަޢުވަތު ޤަބޫލުކުރުމަކީ އިލާހީ ޙުކުމްފުޅާ އެއްގޮތަށް ތެދުނިޔަތުގައި އިޚްލާޞްތެރިކަމާއެކު އިސްލާމީ ތަޙްރީކުގައި ބައިވެރިވާން ޢަޒުމު ކަނޑައެޅުމެވެ. ރަޙުމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ރިވެތި އުސްވަތާ އެއްގޮތަށް ޢަމަލުކުރަމުން ގެންދާން ޢަހްދު ކަށަވަރުވުމެވެ. އެ ތަޙްރީކަށްޓަކައި ކޮންމެފަދަ ޤުރްބާނީއެއް ވާންޖެހުނު ކަމުގައިވިޔަސް އެކަމަށް ފަސްނުޖެހޭނެކަމަށް އިޤްރާރުވުމެވެ. އެޒަމާނުގައި އިސްލާމީ ތަޙްރީކުގެ ކޮންމެ މެންބަރަކީވެސް އެ ތަޙްރީކުގެ ދާޢީއެކެވެ. (އެ ތަޙްރީކަށް ދަޢުވަތުދޭ މީހެކެވެ.) އެ ތަޙްރީކުގެ ހީވާގި މެންބަރެކެވެ. އެ ތަޙްރީކަށްޓަކައި ތިމާގެ ޖާނާއި މާލުން ޤުރްބާންވާ މުޖާހިދެކެވެ. އެ ތަޙްރީކަށްޓަކައި ތިމާގެ ޖާނާއި މާލާއި ޖަޒުބާތާއި ތިމާގެ ހުރިހައި ޢާޠިފިއްޔަތު ތަކަކާއި ތިމާ ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި ނަޒަރިއްޔާތުތައް ޤުރްބާން ކޮށްލުމަކީ ތިމާގެ ޙަޔާތުގެ މޮޓޯއެއްކަމުގައި ހަދައިފައިވާ މީހެކެވެ.

أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا ޝަހާދަތުގެ ދެކަލިފުޅު ވިދާޅުވެ އިސްލާމީ ދަޢުވަތު ޤަބޫލުކުރެއްވީއްސުރެ އެކަމަނާ ވަނީ އެ ތަޙްރީކުގެ މުސްތަޤިއްލު އަދި ފިސާރި ހީވާގިފުޅު އަދި ޙަރަކާތްތެރި މެންބަރެއްގެ ދައުރު އަދާކުރައްވައިފައެވެ. އެކަމަނާއަށް ކުޅަދާނަފުޅުކަން ލިބިވަޑައިގެންފައިވާ އެންމެ މަތީދަރަޖަޔަށް އެ ތަޙްރީކު ހިންގުމުގެ މުހިންމަތަށް އެއްބާރުލުން ދެއްވައިފައެވެ. އެކަމަނާ ވަނީ އިސްލާމީ މުހިންމަތުގައި އަންހެނުންނަކީވެސް ޚިޔާލާއި ފިކުރުގައި ބުރަދަންހުރި ފިސާރި ޙަރަކާތްތެރި ބުންވަރުހުރި މުސްތަޤިއްލު ބަޔެއްގެ ހައިސިއްޔަތުން އަސާސީ އިސްދައުރެއް އަދާކުރެވިދާނެ ބަޔެއްކަން ސާބިތު ކުރައްވައިފައެވެ. އިސްލާމީ މުހިންމަތުގައި މަޖްބޫރު ކުރުވުމުގެ ސުވާލެއްވެސް ނެތްކަން ދުނިޔެއަށް ދައްކަވައިދެއްވައިފައެވެ.

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އިސްލާމީ ތަޙްރީކު ފެއްޓެވުމާއެކު ދެވަނަ ފިޔަވަޅުފުޅަކަށް ހެއްދެވީ އެ ބަރަކާތްތެރި ގެކޮޅުގެ އެހެނީ އަފްރާދުންނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވުމެވެ. އެބޭކަލުންނަށްވެސް ވަނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޝަޚްޞިއްޔަތު ފުރިހަމަޔަށް ތަޖުރިބާ ކުރެއްވިފައެވެ. އެމާތް ސާހިބާގެ ތެދުވެރިކަމެވެ. އެމާތް ސާހިބާގެ ޚުލުޤުފުޅު ހެޔޮކަމެވެ. ޢަމަލުފުޅުތައް ބަހައްޓަވާ ރީތިކަމެވެ. މުޢާމަލާކުރައްވާ ގޮތްކޮޅުގެ ފުރިހަމަކަމެވެ. އެހެންކަމުން އެބޭކަލުންވެސް އެ ދަޢުވަތު ޤަބޫލުކުރެއްވީ ހިތްޕުޅުގެ އަޑީން އެދިވަޑައިގެންނެވެ. ރުހިވަޑައިގެންނެވެ. އެބޭކަލުންނަކީ عــلــــــى بــــن أبــــــى طــالـب رضـــــى اللّــــه عــنـــــه އާއި زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه އެވެ.

عــلــــــى ގެފާނަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ދެބެއިންގެދެދަރި ކޮއްކޯފުޅެކެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، عــلــــــى رضـــــى اللّــــه عــنـــــه އެމާތް ސާހިބާގެ ބެލެނިވެރިކަމަށް ގެންނެވީ އެކަލޭގެފާނު ދާދި ތުއްޕުޅުއިރުއެވެ. މައްކާއަށް އައި ތަދުމަޑުކަމުގެ އަހަރެއްގައި ބޮޑުބޭބޭފުޅުގެ އަތްޕުޅުން އަތުލައްވައިގެންނެވެ. عــلــــــى ގެފާނަށް ތަރުބިޔަތު ލިބިވަޑައިގަންނަވަމުން އައީ ބޭބޭފުޅު محــمّــــد صــلّـــــى اللّــــه عــلـيــــه وســلّـــــم އާއި ލޮބުވެތި ފަހަރިދައިތާފުޅު السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا އާ ދެކަނބަލުންގެ ކުލުނުވެރިކަމާއި ލޭފަވެތި ޢިނާޔަތުގެ ދަށުގައެވެ. އިސްލާމީ ތަޙްރީކު ފެށުނުއިރު عــلــــــى رضـــــى اللّــــه عــنـــــه އަކީ ދިހަވަރަކަށް އަހަރުފުޅުގެ ތުއްޕުޅު ބޭކަލެކެވެ.

ތިންވަނަ ޝަޚްޞިއްޔަތަކީ زيـــد بـــن حـــارثــــة اَلْــكُـلَــبِــى رضـــــى اللّــــه عــنــــه އެވެ. އެކަލޭގެފާނަކީ حـــارثـــة بـــن شـــرحبــيـــل ގެ ދަރިކަލެކެވެ. ޖާހިލިއްޔަ ޒަމާނުގައި މަގުފޭރުމުގެ ހާދިސާއެއްގައި ބަޔަކު އެކަލޭގެފާނު އަޅުވެތިކޮށްގެން ޢުކާޒުގެ ބާޒާރަށް ގެނެސް ވިއްކައިލީއެވެ. ޢުކާޒުގެ ބާޒާރުން އެކަލޭގެފާނު ބައްލަވައިގެންނެވީ أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا އަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެކެވެ. حـكـيــــم بــــن حــــــزام رضـــــى اللّـــه عــنـــــه އެވެ. އެކަލޭގެފާނު ބޮޑުދައިތާފުޅު خـــديجــــةގެފާނަށް زيـــد ވެދުމަށް އެރުއްވީއެވެ. خـــديجــــةގެފާނު އެކަމަނާއާއި ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ކާވެނިފުޅަށްފަހު زيـــد ހިބަކޮށްދެއްވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، زيـــد މިނިވަންކުރައްވައި އެޒަމާނުގެ އާދަކާދައިގައި އޮންނަގޮތަށް زيـــد އަކީ ދަރިކަލަކު ކަމުގައި ހެއްދެވިއެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައިވާ ތަޙްރީކު ފެށުނީ زيـــد އެގޮތުގައި ހުންނަވަނިކޮށެވެ.

أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا އާއި އެކަމަނާގެ ބޭފުޅުންނާއި عــلــــــى بــــن أبــــــى طــالـب رضـــــى اللّــــه عــنـــــه އާއި زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه އިސްލާމްވެވަޑައިގެންނެވުމުން السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا ގެ ގެކޮޅުގެ އެންމެހައި އަފްރާދުން އިސްލާމްވެވަޑައިގެންނެވީއެވެ. އެހައިތަނުން އެ ގެކޮޅު ވެފައިވަނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައިވާ ތަޙްރީކުގެ ވަރުގަދަ ޙިޞާރެއް ކަމުގައެވެ. މަރުކަޒެއް ކަމުގައެވެ. އެ ތަޙްރީކު ދިފާޢުކޮށް ޙިމާޔަތްކުރާ ގަދަފަދަ ކިއްލާއެއް ކަމުގައެވެ.

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އިންސާނިއްޔަތަށް ރަޙްމަތެއް ކަމުގައިވާ އިސްލާމީ ތަޙްރީކު ހިންގައިލެއްވުމުގައި އެމާތް ސާހިބާއަށް ދެން އެންމެ ބޭނުންފުޅު ކަމަކަށްއޮތީ އެ ތަޙްރީކުގެ ޤާއިދުގެ ހައިސިއްޔަތުން އެ ތަޙްރީކު ހިންގަވާން ޚާއްޞަވެވަޑައިގެންނެވުމެވެ. އެހެން ހުރިހައި މަސައްކަތްޕުޅެއް ދޫކޮށްލައްވައި އެ މަސައްކަތްޕުޅަށް ހުސްވެވަޑައިގެންނެވުމެވެ. މަޢީޝީ ހުރިހައި ޒިންމާތަކަކުން އެއްކިބާވެވަޑައިގެންނެވުމެވެ. أمّ المــؤمــنـــيـــن السّــيّــدة خـــديجــــة الطّــاهــــــــرة رضـــــى اللّــــه عــنـــهـــا ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މަޢީޝީ ހުރިހައި ޒިންމާތަކެއް އެކަމަނާގެ އިސްތަށިފުޅުގައި އެޅުއްވިއެވެ. ޢާއިލާއާއި ގެ ބެލެހެއްޓެވުމުގެ ހުރިހައި މަސްއޫލިއްޔަތުތަކަކާވެސް ޙަވާލުވެވަޑައިގެންނެވިއެވެ. އެހެން ހުރިހައި ކަމެއްގެ ފިކުރުފުޅުން މިނިވަންކަން ދެއްވިއެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައިވާ މަޝްރޫޢު ހިންގަވާން އެމާތް ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم މުޅީން ޚާއްޞަކޮށްދެއްވިއެވެ. أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا، رحـمــة لّـلعــالمــيـــن ގެ ތަޙްރީކަށް ފިސާރި ދީލަތިފުޅު ހިތްޕުޅަކުން މާލީ އެހީފުޅު ވެދެއްވިއެވެ. އެ ޙަރަކާތަށް ހަކަތައާއި ބުންވަރު ހޯއްދަވައިދެއްވިއެވެ. ޝައްކެއްނެތެވެ. މިއީ އެކަމަނާ ރަޙްމަތުގެ ތަޙްރީކަށް ކޮށްދެއްވި އަގުމަގު ނުކުރެވޭފަދަ ޚިދުމަތްތަކެކޭ ދެންނެވުމަކީ އެއްވެސް ޙާލެއްގައި މުބާލަޣާއެއް ނޫނެވެ.

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އެންމެ އިސް މަސައްކަތްޕުޅަކީ އެ ތަޙްރީކުގެ އެންމެ އިސްސަފުގެ ފަތަޙަ ނުކުރެވޭފަދަ ގަދަފަދަ ޙަރުބީ ދިފާޢީ މަރުކަޒަކީ أمّ المــؤمــنـــيـــن السّــيّــدة خـــديجــــة رضـــــى اللّــــه عــنـــهـــا ގެ ގެކޮޅުކަމުގައި ހެއްދެވުމެވެ. ދެން އެންމެ އިސްކަމަކީ އެ ތަޙްރީކު ޢާންމުކޮށް ފަތުރައިލެއްވުމަށްޓަކައި އިޖުތިމާޢީ ގުޅުންތަކެއް ޤާއިމުކުރައްވައި ބަދަހިކުރެއްވުމެވެ. ވަރުގަދަ ކުރެއްވުމެވެ.

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ގެކޮޅުގެ އަހްލުވެރީން ފިޔަވައި ދެން އެންމެފުރަތަމަ އިސްލާމީ ތަޙްރީކަށް ދަޢުވަތުދެއްވި ނަސީބުވެރިޔަކީ أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އެވެ. أبـــوبــكـــر ގެފާނަކީ قـــــريـش ވަންހައިގެ އަޝްރާފުންގެ ތެރެއިން އިސްސަފުގެ ބޭކަލެކެވެ. ސާޅީސްހާސް ދިރުހަމުގެ ބޮޑު ރައުސުމާލަކުން ވިޔަފާރިކުރައްވަމުން ގެންދެވި މަހުޖަނެކެވެ. ނަސަބުގެ ޢިލްމާއި ހުވަފެން ތަޢުބީރު ކުރެއްވުމުގެ މާހިރެކެވެ. قـــــريـش ންގެ ތެރޭގައި މަރުގެދިޔައިގެ ގޮތުންއެއްކުރެވޭ މުދަލާއި ފައިސާ ބެލެހެއްޓެވުމުގެ ވެރިޔަކީ އެކަލޭގެފާނެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާއި أبـــوبــكـــر رضـــــى اللّــــه عــنـــــه އަކީ ތުއްޕުޅުއިރުއްސުރެ ދެރަޙްމަތްތެރީންނެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ގެކޮޅުގެ އަހްލުވެރީން ފިޔަވައި އެމާތް ސާހިބާ ޤަބޫލުކުރައްވާ ގޮތްކޮޅުތަކާއި ގެންގުޅުއްވާ ނަޒަރިއްޔާތަކާއި އެމާތް ސާހިބާގެ ޖަޒުބާތާއި އިޙްސާސްތައް ހުންނަގޮތް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަލަކީ أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އެވެ.

(ނުނިމޭ)