ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ހުއްޓާނުލާ ކަމަށާއި މި ދުވަސްވަރު އެ އަދަދު އިތުރުކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން އެހެން ބުނެފައިވަނީ ބީއެމްއެލުން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ކުއްލިއަކަށް ހުއްޓާލައިފި ކަމަށް ބުނެ އޮންލައިން ނޫހެއްކަމުގައިވާ "އަދަދު" އިން ހަބަރެއް ޝާއިއުކުރުމާ ގުޅިގެން އެ ހަބަރަކީ ސައްހަ ނޫން ހަބަރެއްކަން ބަޔާންކޮށް ނެރުނު ބަޔާނެއްގައެވެ.

ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ ކުރިން ވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުން އަންނަ ކަމަށާއި އެގޮތުން މި މަހުގެ ތެރޭގައި ވެސް ޓީޓީއަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށްވެސް އެ ކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ޑޮލަރު ވިއްކާފައިވާ ކަމަށެވެ.

ބީއެމްއެލުން ބުނީ، ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ އަދަދު ބޭންކުން ނުދެވުން އެކަށީގެންވާ ކަމަށާއި މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާއަށް ވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދަދު މިދުވަސްކޮޅު އިތުރުވެފައިވާ ކަމަށެވެ.

އެ ހުރިހާކަމަކާއެކުވެސް ބީއެމްއެލުން ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓަމުން އަންނަ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލުން އިތުރަށް ބުނީ، އެ ބޭންކުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 106.2 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އަދި މި މަހު އެކަނިވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރު ފައިސާގެ އެހީ ފޯރުކޮށްދީފައިވާނެ ކަމަށްވެސް އެ ބޭންކުން ބުންނެވެ.

ބީއެމްއެލުން ބުނީ، ރައްޔިތުންނާ ގުޅޭ މިފަދަ މުހިންމު ކަމަކާ ގުޅުވައި އަދަދު ނޫހުން ޒިންމާދާރުކަމެއް ނެތި ހަބަރު ފެތުރުމަކީ، އެ ނޫހުން އާންމު ގޮތެއްގައި ބޭންކަށް އޮންނަ އިތުބާރު ކުޑަކުރުމަށްޓަކައި ފަތުރާ ސިލްސިލާ ދޮގު ވާހަކަތަކުގެ ތެރެއިން ބައެއް ކަމަށް އެ ބޭންކުން ދެކޭ ކަމަށާއި އެކަމާ އެ ބޭންކުން ހިތާމަކުރާ ކަމަށެވެ.