ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެއް ދެމަފިރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް، އެމީހުންގެ އާއިލާއަށް ދެވަނަ ކުއްޖަކު އަންނާން އުޅޭކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. މި އުފާވެރި ހަބަރު އެ ދެމަފިރިން ހިއްސާކޮށްފައިވަނީ އިއްޔެއެވެ. އެމީހުންގެ މި އިއުލާނާއެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

މި އިއުލާނު ކުރުމަށް އެ ދެމަފިރިން ބޭނުންކޮށްފައިވަނީ ވަރަށް ތަފާތު އަދި ހިތްގައިމު ގޮތެކެވެ. އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި މި ފޮޓޯގައި ފެންނަނީ އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ދުއާ، ޕްރެގްނަންސީ ޓެސްޓް ކިޓެއް ހިފައިގެން ހުންނަ މަންޒަރެވެ. މިފަދަ އަސަރުގަދަ ގޮތަކަށް ހަބަރު ހިއްސާކުރުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ ލިބިފަ އެވެ. ކެޕްޝަންގައި އެއްވެސް އިތުރު ލިޔުމެއް ނެތި، ހަމައެކަނި ނަޒަރު ކަށި ނުވަތަ އީވިލް އައި އިމޯޖީތައް ބޭނުންކޮށްފައިވެ އެވެ.

ދީޕިކާ އާއި ރަންވީރު 2018 ވަނަ އަހަރު ކައިވެނިކުރީ ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު، ދުއާ އުފަންވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މިހާތަނަށް އެމީހުންގެ އާއިލީ ދިރިއުޅުން ދައްކާފައިވަނީ ވަރަށް ޕްރައިވެޓްކޮށެވެ. ނަމަވެސް މި އުފާވެރި ހަބަރަކީ އެމީހުންގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ފިލްމީ ތަރިންނާއި ފޭނުން އަންނަނީ އެ ދެމަފިރިންނަށް ހެޔޮ ދުއާ ފޮނުވަމުންނެވެ.

މި އުފާވެރި ހަބަރާއެކު ދީޕިކާގެ ފިލްމީ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ގިނަ ވާހަކަތަކެއް ދެކެވެމުންދެ އެވެ. އޭނާ އަންނަނީ ކުރިއަށް އޮތް ފިލްމުތަކުގެ މަސައްކަތްތައް ނިންމުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ހަމައެހެންމެ ރަންވީރު ވެސް އޭނާގެ ފިލްމީ ކެރިއަރުގައި ކާމިޔާބީތައް ހޯދަމުން އަންނަނިކޮށް އާއިލާއަށް އިތުރު މެންބަރަކު އަންނަކަން އެނގުމަކީ އެ ދެމަފިރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މިއީ އެމީހުންގެ ދިރިއުޅުމުގެ އާ ބާބެއް ފެށިގެން ދިއުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.