ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 12 އިން 18 އަށް ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 43 ޕަސެންޓުވަނީ ހޯދާފައެވެ.

"މި ހަފުތާގައި ޖުމުލަ ސްކޭމްގެ 41 މައްސަލަ ހުށަހެޅިފައިވާ އިރު، ޖުމުލަ ގެއްލުމުގެ އަދަދަކީ 496،383.50 ރުފިޔާއެވެ. އޭގެ ތެރެއިން 211،684.50 ރުފިޔާ ވަނީ ރިކަވާކޮށްފައި." ފުލުހުން ބުންޏެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ސްކޭމް މައްސަލަތަކެވެ. އެ ބާވަތުގެ 21 މައްސަލައެއް ހުށަހެޅިފައިވެއެވެ.

އޭގެ އިތުރުން އިމްޕާސަނޭޝަން ނުވަތަ އެހެން މީހެއް ކަމަށް ހެދިގެން ހިންގި ސްކޭމްގެ ނުވަ މައްސަލައަކާއި ކަރަންސީ އެކްސްޗޭންޖް ސްކޭމްގެ ތިން މައްސަލައަކާއި ފިޝިން، ވިޝިން އަދި ވަޒީފާގެ ސްކޭމްގެ އެއް މައްސަލަ ހިމެނެކަމަށެވެ.

ބާކީ 8 މައްސަލައަކީ އެ ނޫން އެހެނިހެން ބާވަތުގެ ސްކޭމް މައްސަލަތައް ކަމަށް ފުލުހުން ބުނެއެވެ.

މި ސްކޭމްތައް ހިންގާފައިވަނީ ވައިބާ، ވަޓްސްއެޕް އަދި މެސެންޖާ ފަދަ މެސެޖިން ޕްލެޓްފޯމްތަކާއި އައިބޭ އާއި ފޭސްބުކް މާކެޓްޕްލޭސް އަދި ފޯން ކޯލްތަކާއި ނުދަންނަ ލިންކުތައް މެދުވެރިކޮށް ކަމަށް ފުލުހުން ބުނެއެވެ.

ސްކޭމްތަކުން ރައްކާތެރިވުމަށް، އޮންލައިންކޮށް ވިޔަފާރިކުރާއިރު ތަކެތި ލިބުމުގެ ކުރިން ޕޭމަންޓް ނުދެއްކުމަށާއި، ބޭންކު ނުވަތަ ސަރުކާރު އިދާރާއެއް ކަމަށް ބުނެ ގުޅާ ފަރާތްތަކާ އޯޓީޕީ އަދި ޕިން ފަދަ މައުލޫމާތު ހިއްސާ ނުކުރުމަށާއި، ނުދަންނަ ލިންކުތަކަށް ނުފިތުމަށާއި، ސްކޭމެއް ކަމަށް ޝައްކު ކުރެވިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.