ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު މި ސަރުކާރުން ދެއްކީ މި ސަރުކާރުން އެއްވެސް ހަރު މުދަލެއް ނުވިއްކައި އަމިއްލަ ބާރުވެރިކަމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އއ އަތޮޅުގެ ތިން ރަށަކުން ޕީއެންސީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދިނީ ބޮޑު ސުކޫކު ދައްކައި ގައުމު ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް ކަމަށެވެ.

"އިރާދަކުރެއްވީތީ އަޅުގަނޑުމެން އެކަން ކުރިން، އެކަން ކުރީ އަޅުގަނޑުމެންގެ އިގްތިސޯދުގައި ހުރި އަމިއްލަ ހަކަތައިން، އިތުރު ބޮޑެތި ދަރަނިތައް ނުނަގައި، އަޅުގަނޑުމެންގެ ރައްޔިތުންގެ ބޮލުގައި މި އޮތް، އަޅުގަނޑުމެންނަށް ވާރުތަވި 500 ގިނަ މިލިއަން ޑޮލަރު ދެއްކުމަށް އަޅުގަނޑުމެން އިސްކަން ދިނީ، އެކަން އިރާދަކުރެއްވީތީ އަޅުގަނޑުމެން ކޮށްފައި އެވަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، ސްކޫކުގެ ފައިސާ ދައްކައި ހަލާސްކޮށްފައިވާކަން ލިޔެކިޔުންތަކުން ފެންނަން ހުންނާނެ ކަމަށާއި ސްކޫކް ދެއްކި އިރު، އޭގެ މުގާބިލުގައި ރަހުނުކޮށްފައި ހުރި ދަރުމަވަންތަ ހޮސްޕިޓަލާއި ފިނޭންސް މިނިސްޓްރީ އިމާރާތާއި އިސްކަންދަރު ސްކޫލާއި އައިޖީއެމްއެޗް ހުރި ބިން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދަރަނި ދެއްކުމުގައި ރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި ބަނގުރޫޓުނުވެ މިއަދާ ހަމައަށްވެސް އާދެވުނީ އެ ސަބަބާ ހުރެ ކަމަށެވެ.