ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުއާޒް ހަލީމް އިސްތިއުފާ ދެއްވައިފިއެވެ.

އެކްސްގައި މުއާޒް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް، ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށެވެ.

އެހެންކަމުން ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަގާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ މީހަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީއެންސީގެ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް އެ ޕޯސްޓުގައިވެއެވެ.

ޕީއެންސީގެ ލީޑަޝިޕްގައި ލީޑަޝިޕްގައި ދިހަ މެންބަރުން ތިއްބަވާއިރު ހަތް ނައިބު ރައީސުން ތިބެއެވެ. އޭގެ ތެރޭގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ކުރީގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި، ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ އިތުރުން އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލެވެ.

ޕީއެންސީގެ ރައީސް އަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޗެއާޕާސަންއަކީ، މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ އެވެ.