މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީ އަލުން އެކުލަވާލައި، އެ ކޮމިޓީގެ ޗެއާއަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، އެ ކޮމިޓީގެ އެކުލަވާލުމަށް ބަދަލު ގެންނަން ޖެހުނީ ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް މަދުކޮށް، ކެބިނެޓަށް މި ހަފުތާގައި ގެނައި ބަދަލުތަކާ ގުޅިގެންނެވެ. މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ކޮމިޓީގެ ޗެއާގެ މަގާމުގައި ކުރިން ހުންނެވީ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި ޑރ. ހަލީލް ހިމެނިވަޑައިގަންނަވާތީ، ކޮމިޓީގެ އިސްވެރިޔާގެ މަގާމަށް މިވަނީ ބަދަލު ގެނެސްފައެވެ.
އަލުން އެކުލަވާލެވުނު ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ ވަޒީރުން:
- މޫސާ ޒަމީރު - ފިނޭންސް މިނިސްޓަރު (ޗެއާ)އ
- އިރުތިޝާމް އާދަމް - ފޮރިން މިނިސްޓަރު
- މުހައްމަދު ސައީދު - އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު
- އަހުމަދު ޝިޔާމް - ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު
- މުހައްމަދު އަމީން - ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ރައީސް އުފެއްދެވި މި ކޮމިޓީގެ މައިގަނޑު މަގްސަދަކީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށް ދުރާލާ ތައްޔާރުވުމެވެ.
އެގޮތުން، މި ކޮމިޓީން ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކޮށް، ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު އާންމުންނަށް ހިއްސާކުރަމުން ގެންދާނެއެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް