ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ޕްރޮގްރާމްތައް ތަރައްގީ ކުރާ "އެމްޕަވަމަންޓް ހަބް" ގެ މަސައްކަތްތައް އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ބުނެފިއެވެ.

ރާއްޖޭގައި މުޅިން އަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އެމްޕަވަމަންޓް ހަބެއް ހުޅުވުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ޖެނުއަރީ މަހުގެ 14 ގައެވެ.

އެ ހަބް ގާއިމުކުރުމުގެ މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޝާމިލުކުރަނިވި އަދި ބާރުވެރި މުޖުތަމައެއް ހޯދުމަށްޓަކައި ޖެންޑާ މިނިސްޓްރީން އިސްނަގައިގެން އެފްޑީސީއާ ގުޅިގެން ފެށި މަސައްކަތެކެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އިއްޔެ "ވަން"އަށް ވިދާޅުވީ "އެމްޕަވަމަންޓް ހަބް"ގެ އިންޓީރިއާ މެޝިނަރީ ބްލޮކްގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި ފްލޯރިންގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.

"ކޮންސްޓްރަކްޝަން ޕްރޮގްރެސް، ފްލޯރިން ސްކްރީޑިން ނިމިއްޖެ. އެކްސްޓީރިއާ އަދި އެތެރޭގެ ފާރުތަކުގެ 70 ޕަސެންޓު މަސައްކަތް ނިމިއްޖެ. ބޭރު ފާރު 30 ޕަސެންޓު މަސައްކަތް ނިމިއްޖެ. މި މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ރޭވިފައިވާ ގޮތަށް ސްޓްރަކްޗަރަލް މަސައްކަތްތައް. 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވޭ،" ޝަކީލް ވިދާޅުވިއެވެ.

އެމްޕަވަމަންޓް ހަބް ފަރުމާކުރެވިފައިވަނީ އެކްސެސިބިލިޓީ އަދި ކޮމިއުނިޓީ އިންޓެގްރޭޝަންގެ މައްޗަށެވެ. މި ލޭއައުޓްގައި ފަސޭހަކަމާއެކު ވަނުމަށް ސެންޓްރަލް ރެސްޓް ރޫމްތަކާއި، މެހެމާނުންނަށް މަގު ދައްކައިދޭނެ ރިސެޕްޝަން އޭރިއާ އަދި މެނޭޖަރުގެ އޮފީހާއި ސްޓާފް ރޫމް ފަދަ އެޑްމިނިސްޓްރޭޓިވް ޖާގަތައް ހިމެނެއެވެ.

"އޭގެ އިތުރުން އިޖުތިމާއީ ގުޅުންތަކާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ތަނަވަސް ލައުންޖަކާއި ޑައިނިން އޭރިއާއެއް ވެސް މި ފެސިލިޓީގައި ހުރޭ. އެކްޓިވިޓީ އަދި މަލްޓި ޕާޕަސް ރޫމްތައް ފަރުމާކޮށްފައިވަނީ ތަފާތު ޕްރޮގްރާމްތަކަށް ޖާގަ ދެވޭނެ ފްލެކްސިބަލް ސްޕޭސްތަކެއްގެ ގޮތުގައި، މީގެ އިތުރުން، އިމޯޝަނަލް ރެގިއުލޭޝަން ބޭނުންވާ މީހުންނަށް ސަޕޯޓިވް ސެންސަރީ އެލެމެންޓްސް ހިމެނޭ ގޮތަށް ހަމަހިމޭން ސެންސަރީ ރޫމެއް ވެސް ހިމަނާފައިވޭ،" ޝަކީލް ވިދާޅުވިއެވެ.

އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް ހާއްސަކޮށްގެން ހަދާ އެ މަރުކަޒަކީ ހުޅުމާލެ ފޭސް 2ގެ އަމާން އުދަރެސް ހަތް ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކުރާ ތަނެކެވެ.

ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އެމްޕަވަމަންޓް ހަބްގެ މަގުސަދަކީ ސްކޫލުގެ މަރުހަލާ ފުރިހަމަކުރުމަށްފަހު މުޖުތަމައަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެ ހުނަރު ތަރައްގީކުރުން ކަމަށެވެ. އަދި މަސައްކަތުގެ ތަޖުރިބާއާއި އިގުތިސާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން މިނިވަންކަމާއެކު އެ ފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމައުގައި ބައިވެރިވާނެ ފުރުސަތުތައް ހޯދައިދިނުމަކީވެސް އެ ހަބްގެ މުހިއްމު އެއް މަގުސަދު ކަމަށް މިނިސްޓްރީން ބުންޏެވެ.

ހުޅުމާލެ ފޭސް 2 ގައި 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުވޭ އެ ހަބްގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭއަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް ވިއްކުމަށް އާންމުންނަށް ހުޅުވާލެވިފައިވާ ފިހާރައެއް ހިމެނުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ އެ ހަބްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުގުވެރިކަމާ ގުޅުންހުރި އަދި ހުނަރު ތަރައްގީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަބްގައި ތިން ވޯކްޝޮޕް ޖާގައާއި ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީނުދޭ ތަނެއް ވެސް ހިމެނޭ ކަމަށެވެ.

އެ ހަބްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެވިފައިވާނެ ކަމަށާއި އެމްޕަވަމަންޓް ހަބްގެ ކާމިޔާބު ގުޅިފައިވަނީ މަދަނީ ޖަމިއްޔާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްދޭ ތަންތަނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.