ރާއްޖޭގެ އެކި ސަރަހަދުތަކަށް މިއަދާއި މާދަމާ ވާރޭ ވެހުނު ނަމަވެސް، އަންނަ ހޮނިހިރު ދުވަހުގެ ފަހުން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މީޓްރޮލޮޖިސްޓް އަޒީމާ އަހުމަދު މިއަދު "ވަން"އަށް ވިދާޅުވީ ކުރިޔަށް އޮތް ހަފުތާގައި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ކަމަށް ލަފާނުކުރެވޭ ކަމަށާއި ނަމަވެސް ހުކުރު ދުވަހު ކޮންމެވެސް ވަރަކަށް ކެރި އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބަލާއިރު ކޮންމެވެސް ވަރަކަށް ވިއްސާރަކަމަށް ލަފާކުރެވެނީ ބައެއް ރަށްތަކަށް، މެދުރާއްޖެތެރެއާއި ދެކުނަށްވެސް. ދެކުނުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރި އުޅެނީ. ހޮނިހިރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ." އަޒީމާ ވިދާޅުވިއެވެ.
ކަނޑުތައް އާންުމުކޮށް އާދައިގެ ވަރަކަށް މަޑުކޮށް ނަމަވެސް ކެރިގަނޑުގައި ކުޑަކޮށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
"ކަނޑު އާންމުކޮށް އުޅެނީ އާދައިގެ ވަރަކަށް މަޑުކޮށް. ކެރިގަނޑުގައި ކުޑަކޮށް ގަދަވާނެ ކަމަށް ލަފާކުރެވެނީ. ކަނޑު އާންމުކޮށް އެހާ ގަދަ ނުވެދާނެ. ނަމަވެސް ވާރޭވެހި ގުގުރާއިރު ސަމާލުވުމަކީ ރައްކާތެރި ކަމުގެ ފިޔަވަޅެއް. ދަތުރު ތަކަށް ފެއްޓުމުގެ ކުރިން މޫސުމާބެހޭ މައުލޫމާތު ސާފުކޮށްގެން ދަތުރު ތަކަށް ފެއްޓެވުން އިލްތިމާސްކުރަނީ." އަޒީމާ ވިދާޅުވިއެވެ.
ހަފުތާ ބަންދުގައި ވައި އެހާ ބާރުވާނެ ކަމަކަށް ލަފާނުކުރި ނަމަވެސް، ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށެވެ. އަދި ވައިގެ ބާރުމިން ފަސް މޭލާއި ފަނަރަ މޭލާ ދެމެދު ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އަޒީމާ ވިދާޅުވިއެވެ.
މީގެ އިތުރުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާތީ މެޓް އޮފީހުން ވަނީ މިއަދުގެ 13:00 އާ ހަމަޔަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރެފައެވެ.
ފާތިމަތު ލިއުޝާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ
މޫސުމާބެހޭ ގައުމީ އިދާރާ