ސްރީ ލަންކާގައި ކުރިއަށް ދިޔަ ދެކުނު އޭޝިއާގެ ޖޫ-ޖިޓްސޫ މުބާރާތުން ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ.

ދެކުނު އޭޝިއާގެ ޖޫ-ޖިޓްސޫ މުބާރާތުގައި ރާއްޖޭން އަށް އެތުލީޓުން ބައިވެރިވެފައިވެއެވެ. އެއީ ފައިޓިން އަދި ބީޖޭޖޭ ޑިސިޕްލިންގައެވެ. ރާއްޖޭން ވާދަކުރި އެތުލީޓުންނަކީ

  • އަހުމަދު ސިނާން
  • ހުސައިން ޝަހާއު
  • މުހައްމަދު ޝާން ހަސަން
  • އީވާ ޒުލާލް ޒައީމް
  • ޔަލްމައީ ބާސިތު
  • އައިދިން މުހައްމަދު
  • މަރިޔަމް އައިނީ
  • އިޝާން މުހައްމަދު

މިފަހަރުގެ ދެކުނު އޭޝިއާ މުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ، އިންޑިއާ، ޕާކިސްތާނުގެ އިތުރުން އަފްގާނިސްތާނާއި ބަންގްލަދޭޝްވެސް ވާދަކޮށްފައިވެއެވެ.

ރާއްޖޭގެ އެތުލީޓުންގެ ކާމިޔާބީއަށް ބަލާއިރު، ތިން ލޯ މެޑަލްއާއި ހަ ރިހި މެޑަލް ހިމެނެއެވެ. ސިނާން ވަނީ 77- ކިލޯ ކެޓަގަރީގެ ބީޖޭޖޭ ޑިސިޕްލިންއިން ލޯ މެޑަލް ހޯދައިފައެވެ. އީވާ، 70+ ކިލޯ ކެޓަގަރީގެ ފައިޓިން ޑިސިޕްލިންއިން ރިހި މެޑަލް ހޯދި އިރު، ޔަލްމައީ ވަނީ 57- ކިލޯ ކެޓަގަރީގެ ފައިޓިން އަދި ބީޖޭޖޭ ޑިސިޕްލިންއިން ލޯ މެޑަލް ހޯދައިފައެވެ.

އައިދިންވެސް ދެ ޑިސިޕްްލިންއިން މެޑަލް ހޯދި އިރު، އޭނާ ވާދަކުރީ 99+ ކިލޯ ކެޓަގަރީގައެވެ. އޭނާ ވަނީ ދެ ޑިސިޕްލިންއިންވެސް ރިހި މެޑަލް ހޯދައިފައެވެ. އިސާންވެސް ދެ ޑިސިޕްލިންއިން މެޑަލް ހޯދި އިރު، އޭނާ 94- ކެޓަގަރީގައި ވާދަކޮށް ދެ ޑިސިޕްލިންއިން ރިހި މެޑަލް ހޯދިއެވެ.

އައިނީ، 52- ކިލޯގެ ކެޓަރީގައި ވާދަކޮށް، ފައިޓިން ޑިސިޕްލިންއިން ރިހި މެޑަލް، ބީޖޭޖޭއިން ލޯ މެޑަލް ހޯދާފައިވެއެވެ.