ސީއެންއެން ހިމެނޭ ގޮތަށް އެމެރިކާގެ ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށް ވައިޓް ހައުސްގެ ޕްރެސް ބްރީފިންއަށް ވަނުން އެމެރިކާގެ ސަރުކާރުން މަނާކޮށްފިއެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ވަނުމަށް މަސައްކަތްކުރި ބައެއް ނޫސްވެރިންނަށް ވަނީ އެ ފުރުސަތު ނުދީފައެވެ. މި ބައްދަލުވުމަށް ވަނުން މަނާކުރި މީޑިއާތަކުގެ ތެރޭގައި ސީއެންއެންގެ އިތުރުން ނިއުޔޯކް ޓައިމްސް، ޕޮލިޓިކޯ އަދި ބަޒްފީޑް ހިމެނެއެވެ. ނަމަވެސް، ފޮކްސް ނިއުސްއާއި ރޮއިޓާސް ފަދަ އެހެން ބައެއް މީޑިއާތަކަށް މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ވަކި މީޑިއާތަކަކަށް ފުރުސަތު ނުދޭން ނިންމީ އެ ފަރާތްތަކުން ސަރުކާރާ ގުޅޭގޮތުން ހަގީގަތާ ހިލާފު ހަބަރު ފަތުރަމުންދާތީއެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވަނީ މީޑިއާގެ މެދުވެރިއަކާ ނުލައި ސީދާ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ސީއެންއެންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “މިއީ ބަލައިގަނެވޭނެ ކަމެއް ނޫން” ކަމަށާއި، މިއީ ޑިމޮކްރަސީއާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް ކަމަށެވެ. ހަމައެއާއެކު، ނިއުޔޯކް ޓައިމްސްގެ އެގްޒެކެޓިވް އެޑިޓަރު ވިދާޅުވި ގޮތުގައި، އެ ނޫހުގެ ތާރީހުގައި ވެސް ވައިޓް ހައުސްއިން މިފަދަ ގޮތަކަށް އަމަލުކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ބޭއްވި އެއްވުމެއްގައި ރައީސް ޓްރަމްޕް ވަނީ ސީއެންއެންއާއި ނިއުޔޯކް ޓައިމްސް ފަދަ ނޫސްތަކަކީ ދޮގު ހަބަރު ފަތުރާ ފަރާތްތަކެއް ކަމަށް ސިފަކުރައްވައި، އެ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ބައެއް މީޑިއާތަކަކީ ރައްޔިތުންގެ ދުޝްމަނުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މި ނިންމުމާ ގުޅިގެން، ވައިޓް ހައުސްގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަކި މީޑިއާތަކެއް ތަފާތުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ވައިޓް ހައުސްގެ އިސް އޮފިޝަލުންނާ މަޝްވަރާކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް