ހިލަ ލިބުން ދަތިވުމުގެ ސަބަބުން ވަރަށް ގިނަ މަސައްކަތްތަކެއް ހުއްޓިފައިވާ ކަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ ސަރުކާރުން ކުރިއަށް ގެންދާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޕްރޮޖެކްޓްތައް ލަސްވާ މައްސަލައާ ބެހޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އާއްމުކޮށް ހިލަ ގެންނަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކަމަށެވެ. ނަމަވެސް މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ހެދި އެ ގައުމުން ހިލަ ލިބުން ދަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހިލަލިބުން ދަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންޑިއާއިން ހިލަ ގެނެވޭނެ އުސޫލެއް ކަނޑައަޅަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"މަސައްކަތް ކުރަމުން މިދަނީ އިންޑިއާ އިން ނަމަވެސް ހިލަ ގެނެވޭނެ އުސޫލެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހިލަ ނުލިބިގެން، ހިލައިގެ ދަތިކަމާ އެއްކޮށް، މަސައްކަތްތައް ކުރިއަށް ނުގޮސް އެބަހުރި،"

އިންޑިއާ އިން ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް ހިލަ ގެންނަމުން އަންނަ އިރު އެ ގައުމުން ދާދި ފަހުން ވަނީ ހާއްސަ އަގުތަކުގައި ހިލަ ލިބޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.