ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގައި އެމަނިކުފާނު ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ 500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދައްކައި ރާއްޖެ ބަނގުރޫޓްވުމުން ސަލާމަތްކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިދިިޔަ ސަރުކާރުން 2021 ވަނަ އަހަރު ވިއްކާފައިވާ ސުކޫކަށް ސަރުކާރުން މިމަހުގެ ތިން ވަނަ ދުވަހު ވަނީ ޖުމުލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފައެވެ. އެ ފައިސާ ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ވަނީ ބޭނުންކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެންމެ ގިނަ ބަޔަކު އުފައްދަމުން ގެންދިޔަ އެއް ސުވާލަކީ މި ސަރުކާރަށް ދަރަނި ދެއްކިދާނެ ކަމުގެ ސުވާލެއެވެ. އެ ސުވާލަށް މި ސަރުކާރުން މިހާރު ޖަވާބު ދީފައިވާ ކަމަށެވެ.

ދަރަނި އަދާ ކުރިކަމުގެ އަޑު އެންމެ ބޮޑަށް އަހަން ބޭނުންވާނީ ދިވެހި ރައްޔިތުން ކަމަށާއި އޭގެ ފަހުން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކާއި އިންވެސްޓް ކޮށްގެން އުޅޭ ފަރާތްތަކުން ކަމަށެވެ.

"ރާއްޖޭގައި އިންވެސްޓް ކުރަން ތިބި އެތައް ބައިވަރު ފަރާތްތަކަކާއި ކޮމްޕެނީތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އިތުބާރެއް އަދި ޔަގީންކަމެއް އެއީ އަދި ރާއްޖޭގައި އިންވެސްޓް ކޮށްގެން ތިބި ވިޔަފާރިތައް އޭގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނާއި ދިވެހި އިންވެސްޓަރުންނަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު އިތުބާރެއް،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖެ ބަނގުރޫޓް ނުވެ، ދަރަނި ދައްކަން އޮތް ތާރީހަށްވުރެ އެއް ހަފުތާ ކުރިން ދަރަނި އަދާކުރެވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށެވެ.

ހަނގުރާމައިގެ މި ދަނޑިވަޅުގައި ރާއްޖެ ފަދަ ގައުމަކުން ބޮޑު ދަރަންޏެއް ދައްކައި ހަލާސްކުރުމަކީ ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދުނިޔޭގެ މަޝްހޫރު ފައިނޭޝަލް ނޫސްތަކުގައި ވެސް ރިޕޯޓްކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.