(6 އޭޕްރީލްގެ އަދަދާ ގުޅޭ)

ރަޙްމަތުގެ ނަބިއްޔާގެ މުހިންމަތުގެ އެންމެފުރަތަމަ އަމުރުފުޅަކީ މާތް اللّــــه އެއްކައުވަންތަ ކުރުމެވެ. އެކަލާނގެ ރަސްކަންފުޅަށް އެއްވެސް ބައިވެރިޔަކު ނުވާކަމެވެ. އުޑުތަކާއި ބިންތަކުގެ މައްޗަށްވަނީ އެކަލާނގެ ކައުވަންތަ ރަސްކަންކަމެވެ. އިރުއަރައި އޮއްސެނީ އެކަލާނގެ އަމުރުފުޅަށް ކަމެވެ. އުޑުތައްވަނީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ ތަސްލީމުކޮށްގެން ކަމެވެ. ބިމުގެ ކަންތައް ހިނގަނީ އެކަލާނގެ އެންގެވުންތަކާ އެއްގޮތަށް ކަމެވެ. އުޑުން ވާރޭ ވެއްސަވަނީ އެކަލާނގެ ކަމެވެ. ބިމުން ގަސްގަހާގެހި ފަޅައި މަލާއި މޭވާ އަޅަނީ އެކަލާނގެ އިރާދަފުޅުން ކަމެވެ. ކަނޑުތަކާއި ކޯރުތައް ހިންގަވައި ފަރުބަދަތައް ޤާއިމުކުރެއްވީ އެކަލާނގެ ކަމެވެ. އެކަލާނގެ ރަސްކަންފުޅަށް ބަފައިކަލަކު މައިކަނބަލަކު ނުވާކަމެވެ. އަނބިކަނބަލަކު ނުވަތަ ދަރިކަލަކު ވުމުން އެކަލާނގެ ހުސްދުރުވެވޮޑިގެންވާ ކަމެވެ. އިންސާނާއަށް ކުރިމަތިވާ ކޮންމެ މޮޅިވެރިކަމަކާއި ހިތާމައަކާއި ހެޔޮކަމަކާއި އުފާވެރިކަމެއް ގުޅިފައިވަނީ އެކަލާނގެ ތަޤްދީރުފުޅާ ކަމެވެ. އިސްލާމްދީނުގެ މި ޢަޤީދާގެ ނަމަކީ ތައުޙީދެވެ. (لاَاِلَــهَ اِلاَّ اللَّـــهُ مُـحَــمَّــــدٌ رَّسُـــــولُ اللَّـــهِ އެވެ.)

ދެވަނަ ކަމަކީ މަލާއިކަތުން ހައްދަވައިފައިވާކަމަށް އީމާންވުމެވެ. އަރަހުށި މާތް اللّــــه ގެ ނިޔާފުޅާ އެއްގޮތްވާ ގޮތުގެމަތީން އުޑުތަކާއި ބިމުގެ ހުރިހައިކަމެއް ހިންގަވަނީ މަލާއިކަތުން ކަމެވެ. އެހެން އެއްވެސް ފަރާތަކަށް ދެއްވައިފައި ނުވާފަދަ ކުޅަދާނަފުޅުކަމެއް މަލާއިކަތުންނަށް ދެއްވައިފައިވާ ކަމެވެ.

ތިންވަނަކަމަކީ އަރަހުށި މާތް اللّــــه އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ރަސޫލުން ފޮނުއްވާކަމަށް އީމާންވުމެވެ. ތެދުކޮށް ޤަބޫލުކުރުމެވެ. މާތް اللّــــه ގެ ޙަޟުރަތުން ވަޑައިގަންނަވާ ކޮންމެ ރަސޫލަކީވެސް ތެދުވެރި ރަސޫލެއް ކަމެވެ. އެބޭކަލުން ވަޑައިގަންނަވަނީ ސީދާވެގެންވާ އެއްމަގަކަށް މަގުދައްކަވާންކަން ޤަބޫލުކުރުމެވެ. ރަސޫލުންގެ ސިލްސިލާގެ އެންމެފަހު ރަސޫލަކީ އަހަރެމެންގެ މާތް ނަބިއްޔާ محــمّــــد صــلّـــــى اللّــــه عــلـيــــه وســلّـــــم ކަމާއި އެމާތް ސާހިބާއަށްފަހު ރަސޫލަކު ނުވަތަ ނަބިއްޔަކު ވަޑައިނުގަންނަވާނެކަން ކަށަވަރުކޮށް އީމާންވުމެވެ.

ހަތަރުވަނަ ކަމަކީ މާތް اللّــــه ބާވައިލައްވާ ފޮތްތަކަށް އީމާންވުމެވެ. އަރަހުށި މާތް اللّــــه މީސްތަކުން އުޅޭންވީގޮތާއި ރަސޫލުން ޢަމަލުކުރައްވާންވީގޮތްކޮޅު ބަޔާންކުރެއްވުމަށްޓަކައި ރަސޫލުންނަށް ފޮތްތަކާއި ޞުޙުފުތައް ބާވައިލެއްވިކަން ޤަބޫލުކޮށް ތެދުކުރުމެވެ. ތައުރާތާއި އިންޖީލާއި ޒަބޫރާއި ޤުރްއާނަކީ އޭގެތެރެއިން ވަކިވަކީން ދަނެ ޤަބޫލުކުރާންވީ ޚާއްޞަ ހަތަރު ފޮތެވެ.

ފަސްވަނަ ކަމަކީ އާޚިރަތްދުވަހަށް އީމާންވުމެވެ. އިންސާނާ މަރުވުމަށްފަހު ޤިޔާމަތްދުވަހަށް އަލުން ދިރުއްވާނެކަން ޤަބޫލުކުރުމެވެ. އެދުވަހުން މާތް اللّــــه ގެ ޙަޟުރަތަށް ހާޒިރުވާންޖެހޭނެކަމާއި، އިންސާނުންގެ ޢަމަލުތަކަށް ޖަޒާއާއި ސަޒާ ލިބޭނެކަމަށް އީމާންވުމެވެ.

މިއީ މުސްލިމުން ޤަބޫލުކުރާންޖެހޭ ޢަޤީދާތަކެވެ. ބައެއް ޢިލްމުވެރީން މީގެތެރެއަށް މިންވަރަށް އީމާންވުން އިތުރުކުރައްވައެވެ. ބައެއް ޢިލްމުވެރީންގެ އަރިހުގައި ތައުޙީދުގެ ޢަޤީދާގައިވަނީ ހުރިހައި ކަމެއް ހިނގަނީ މާތް اللّــــه ގެ މިންވަރުފުޅުންކަން ޤަބޫލުކުރުން ޝާމިލުވެފައެވެ.

އާދެ، މިއީ އިސްލާމްދީނުގެ ޢަޤީދާތަކުގެ އަސާސުތަކެވެ. ކޮންމެ މުސްލިމަކު ޔަޤީންކުރާންޖެހޭ ކަންތައްތަކެވެ. މިކަންކަން ބަޔާންކޮށްފައި މިވަނީ ވަރަށް މުޚުތަޞަރުކޮށެވެ. މިކަންކަން ބަޔާންކުރެވޭ ޖާމިޢު ދެކަލިމަފުޅުގެ ނަމަކީ ޝަހާދަތުގެ ދެކަލިމައެވެ.

މިދެ ކަލިމަފުޅު ދުލުން ކިޔުމާއި ހިތުން ޔަޤީންކުރުމަކީ އީމާންކަމެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މުހިންމަތަކީ މިކަންކަން މީސްތަކުންނަށް ވިސްނައިދެއްވުމާއި ފެތުރުއްވުމެވެ. (رحـمت عـــالـــــم: سـيّـــد ســلـيـمــان نــــدوى)

ރަޙްމަތުގެ ތަޙްރީކު ހިންގަވާން ފެއްޓެވުން

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ނަބީކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާން ފެއްޓެވުމުން ވަރަށްގިނަ އުނދަގޫފުޅުތަކާ ކުރިމަތިލައްވާން ޖެހިވަޑައިގެންނެވިއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މަސައްކަތްޕުޅަކީ ވަރަށްފުޅާ ދާއިރާއެއްގެ މަސައްކަތްޕުޅެކެވެ. ހުރަސްތައްގިނަ ބުރަ މަސައްކަތްޕުޅެކެވެ. ނުސިޔާނު މަސައްކަތްޕުޅެކެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މުހިންމަތަކީ مسـيـح عـــلـيــــه الـسّـــلام ގެ މަސައްކަތްޕުޅު ފަދައިން ހުސްއެކަނި ދަޢުވަތު ތަބްލީޣު ކުރެއްވުމާ ހަމައިން ނިންމައިލެއްވޭންއޮތް މަސައްކަތްޕުޅެއް ނޫނެވެ. مــــوســــى كــلــيــم اللّــــه ގެ މަސައްކަތްޕުޅުގެ އެންމެބޮޑު ބަޔަކީ އެކަލޭގެފާނުގެ ޤައުމު މިސުރުން ނެރުއްވުމެވެ. ނަމަވެސް ރަޙްމަތުގެ ނަބިއްޔާގެ މުހިންމަތު عـيســـى عــلــيـــه الـسّــلام އާއި مــــوســــى عـــلـيــــه الـسّـــلام ގެ މުހިންމަތާ ވަރަށް ތަފާތެވެ. އިތުރު ސާހިބާގެ މަސައްކަތްޕުޅަކީ އެމާތް ސާހިބާ ސަލާމަތުން ހުންނެވުމާއެކު ޢަރަބިކަރައިގެ އިތުރަށް މުޅި ދުނިޔެ އިސްލާމްދީނުގެ ނޫރުން އަލިކުރެއްވުމެވެ. އިސްލާމްދީނާއި އިސްލާމީ އުންމަތް ޙިމާޔަތް ކުރެވޭފަދަ އާރާއި ބާރުހުރި އިސްލާމީ ދައުލަތެއް ޤާއިމުކުރެއްވުމެވެ. އެހެންކަމުން އިތުރު ސާހިބާއަށް މަސައްކަތްޕުޅު ކުރައްވާން ޖެހިވަޑައިގެންފައިވަނީ އާދަޔާ ޚިލާފު މޮޅު ރޭއްވެވުންތެރިކަމަކާ އެކުގައެވެ. ނުހަނު ދުރަށް ވިސްނުންފުޅު ފޯރުއްވައިގެންނެވެ. އެންމެފުރަތަމަ ކަމަކީ "އެ ނުރައްކައުތެރި" ސިއްރު އެންމެފުރަތަމަ ފާޅުކުރައްވާންވީ ކޮންކޮން ބޭބޭކައުކަނބަލުންނަކަށްކަން ކަނޑައެޅުއްވުމެވެ. އިތުރު ސާހިބާ އެބަޔަކު ކަމުގައި ބެއްލެވީ އެމާތް ސާހިބާޔަށް އެބަޔެއްގެ ޞުޙުބަތުގައި އުޅުއްވި ތަޖްރިބާ ކުރެއްވިފައިވާ ބޭބޭކައުކަނބަލުންނެވެ. އެމާތް ސާހިބާގެ ޚުލުޤުފުޅާއި ޝަޚްޞިއްޔަތު ފުރިހަމަޔަށް ދެނެވަޑައިގަންނަވާ ބޭބޭކައުކަނބަލުންނެވެ. އަމިއްލަފުޅު ތަޖުރިބާގެ މައްޗަށް ބިނާކުރައްވައި އިތުރު ސާހިބާގެ ދަޢުވަތު ތަޞްދީޤުކުރެއްވޭނެ ބޭބޭކައުކަނބަލުންނެވެ. އެ ބޭބޭކައުކަނބަލުންކުރެ ލިސްޓުގެ އެއްވަނަޔަކީ އެމާތް ސާހިބާގެ ވަފާތެރި ލޮބުވެތި ޠާހިރު އަނބިކަނބަލުން أمّ المــؤمــنـــيـــن السّــيّــدة خـــديجــــة الطّــاهــــــــرة رضـــــى اللّــــه عــنـــهـــا އެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ތަޙްރީކުގައި ބައިވެރިވެވަޑައިގަންނަވާން އެކަމަނާއަށް ދަޢުވަތު އެރުއްވިއެވެ. އެކަމަނާ އެއްވެސް ފަސްޖެހިވަޑައިގެންނެވުމެއް ދެފުށުއެޅިވަޑައިގެން އިންނެވުމެއްނެތި ވަގުތުން އެ ދަޢުވަތު ޤަބޫލުކުރެއްވިއެވެ. އެކަމަނާގެ އަރިހުގައި އެކަމަނާގެ ހުރިހައި ބޭފުޅުންވެސް އިސްލާމްވެވަޑައިގެންނެވިއެވެ.

ފޮޓޯ : ދަ ހާޓް އޮފް މައްކާ

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ދަޢުވަތުގެ ހުރިހައި މަރްޙަލާތަކެއްގައި އެކަމަނާ އިތުރު ސާހިބާގެ ބުރިކަށިފުޅު ޙިމާޔަތް ކޮށްދެއްވިއެވެ. އިތުރު ސާހިބާއަށް ލިބިވަޑައިގަންނަވާ ކޮންމެ ތަކްލީފެއް ލުއިކޮށްދެއްވާން އެކަމަނާ އިންނަވަނީ އަބަދުވެސް ކަމަރު ބަނދެވަޑައިގެންނެވެ. އެހެންކަމުން އެހެން އެއްވެސް ބަޔަކު اللّــــه سبحـــانــــه وتــعــــالــــى ގެ ޙަޟުރަތަށް ސަޖިދަކޮށް ރުކޫޢު ނުކުރާ ރޭތަކަކާއި ދުވަސްތަކަކު އެ ދެކަނބަލުން މާތް اللّــــه އަށް ސަޖިދަކުރައްވައި ރުކޫޢު ކުރައްވައި ތަސްބީޙައާއި ތަޙްމީދު ވިދާޅުވަމުން ގެންދެވިއެވެ. (السّــيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى)

(ނުނިމޭ)