މިއަދުން ފެށިގެން އީރާނުގެ ބަނދަރުތަކުން ނުކުންނަ އުޅަނދުތަކާއި ވަންނަ އުޅަނދުތައް ހުއްޓުވައި ބަލައިފާސްކޮށް އީރާނުގެ މުޅި އައްސޭރި ހިސާރުކުރާނޭ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން މިހާރުވަނީ އިއުލާނުކޮށްފައެވެ. ހިސާރުކުރުމަކީ ތަނެއް ބައްދާލުމަށްޓަކައި އެތަނެއް ވަށާލައިގެން ތިބޭ ތިބުމެވެ. އަސްކަރީގޮތުންނެވެ. އެމެރިކާގެ މިފިޔަވަޅަކީ އީރާނަށް އިތުރު ފިއްތުންތައް ކުރިމަތިކޮށް މަޖުބޫރީ ހާލަތަކަށް ގަންބައިލުމުގެ ގޮތުން އެންމެފަހުން އެޅި ފިޔަވަޅެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަލްފުގެ ތެރޭގައިވާ އީރާނުގެ ބަނދަރުތަކާއި ގަލްފުން ބޭރުގައިވާ ބަނދަރުތައްވެސް ހިމެނޭގޮތުން ހުރިހާ ބާވަތެއްގެ ކަނޑުދަތުރު ހޯމަދުވަހު މާލޭގަޑިން އިރުއޮއްސި ހަތަކުން ފެށިގެން ހުއްޓުވާނޭ ކަމުގައެވެ. ސެންޓްރަލް ކޮމާންޑަކީ އެމެރިކާގެ އަސްކަރިއްޔާގެ މެދުއިރުމައްޗަށް ޚާއްސަ ލަޝްކަރެވެ. އެންމެބިޔަ އެންމެ ބާރުގަދަ ލަޝްކަރެވެ.
މިދެންނެވި ލަޝްކަރުގެ އެންމެއިސް ކޮމާންޑަރު ޖެނެރަލް މައިކަލް ކުރިލާއަކީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އީރާނާއި އެމެރިކާގެ މެދުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ނާކާމިޔާބު މަޝްވަރާތަކުގައި އެމެރިކާގެ ވަފުދުގައި ހިމެނުނު މީހެކެވެ. ޑިޕްލޮމެޓުންގެ ވަފުދެއްގައި އަސްކަރިއްޔާގެ ކޮމާންޑަރަކު ހިމެނުމަކީވެސް ވަރަށް އާދަޔާޚިލާފު ކަމެކެވެ. ކޮންމެއަކަސް ސެންޓްރަލް ކޮމާންޑުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހޮރުމުޒް ކަނޑުއޮޅި ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން އީރާނުގެ ބަނދަރެއް ބޭނުން ނުކުރާ އުޅަނދުތަކަށް ހުރަސްއެޅުމެއް ނޯންނާނެ ކަމަށާއި ހޮރުމުޒް ކަނޑުއޮޅިން ބޭރުގައިވާ އީރާނުގެ ބަނދަރުތައްވެސް ހިސާރު ކުރެވޭނޭ ކަމުގައެވެ. ސެންޓްރަލް ކޮމާންޑުގެ މި ބުނުމަކީ މީގެ އެއްދުވަސްކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދީފައިވާ އިންޒާރާއި ހިސާބަކަށް ފުށުއެރުން ހުރި ބުނުމެކެވެ. ޓްރަމްޕު ބުނެފައިވަނީ ހަމައެއްވެސް ބަޔަކަށް ހޮރުމުޒް ކަނޑުއޮޅި ބޭނުން ނުކުރެވޭހެން ބަންދުކުރާނޭ ކަމުގައެވެ.
މިހާރު ސެންޓްރަލް ކޮމާންޑުން އެބުނަނީ ބަންދުކުރެވޭނީ ހަމައެކަނި އީރާނުގެ ބަނދަރުތައް ބޭނުންކުރާ އުޅަނދުތަކަށް ކަމުގައެވެ. އަމާޒަކީ އީރާނާއި އީރާނުގެ އިގްތިސާދު ކަމުގައެވެ. މި ފިޔަވަޅު ނުވަތަ ބުނުން އަމާޒު ކުރެވެނީ ކޮންމެ ބަޔަކަަށް ކަމުގައިވިޔަސް އެންމެންވެސް ހިމެނޭހެން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ލޮޅުންތަކެއް އަރައިފައެވެ. އެމެރިކާގެ ނިންމުމާއެކު ތެލުގެ އަގުވަނީ ކުރިއަށްވުރެވެސް މައްޗަށް ޖެހިލައިފައެވެ. ބޮޑުތަނުންނެވެ. ސަބަބަކީ ތެލުގެ ބާޒާރާއި ހޮރުމުޒް ކަނޑުއޮޅި ގުޅިފައިވާ މިންވަރުގެ ބޮޑުކަމެވެ. އެމެރިކާޔާއި އިޒްރޭލް ގުޅިގެން ފެބްރުއަރީމަހުގެ އެންމެފަހު ދުވަހު އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު އީރާނުން ވަނީ ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އޭގެފަހުން އެތަނުގެ ބޭނުން ކުރެވެނީ އީރާނުން ހުއްދަދޭ ބަޔަކަށެވެ. އީރާނުގެ ރައްކާތެރިކަން އިޚުތިޔާރުކުރާ ބަޔަކަށެވެ. އެއީ ނިސްބަތުން ވަރަށްވެސް މަދުބައެކެވެ. އެހެންވީމާ ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތައް ވަރަށްވެސް މަދެވެ.
ހޮރުމުޒް ކަނޑުއޮޅި އީރާނަށްޓަކައި މުޅިން ބަންދުކޮށް އީރާނުގެ ހުރިހާ ބަނދަރުތަކެއް ހިސާރުކުރަނީއޭ ބުނެ އެމެރިކާއިން ދީފައިވާ އިންޒާރަށް އީރާނުގެ ރައްދަކީ ކޮބައިބާވައެވެ. އީރާނުގެ އިންގިލާބީ ގާޑުން ނުވަތަ އައިއާރްސީޖީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޮރުމުޒް ކަނޑުއޮޅިޔާ ގާތްވާ އެމެރިކާގެ ކޮންމެ މަނަވަރަކަށް ހަމަލަދޭނެ ކަމަށާއި އީރާނުގެ އައްސޭރިޔާ ގާތަށް ޖެހުމަކީ ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފު އަމަލެއް ކަމުގައެވެ. އެހެންވީމާ ހަމަ އެބީދައިން އީރާނުންވެސް ރައްދުދޭނޭ ކަމުގައެވެ. އެމެރިކާ އޮތީ ހޮރުމުޒްގެ ކަންކަން ނިންމޭނެ ޕޮޒިޝަނެއްގައި ނޫންކަމަށާއި އެތަނަށް ވަދެނިކުމެ ހެދޭނެ ބަޔަކު އެމެރިކާއަކަށް ނުނިންމޭނެ ކަމަށްވެސް ބުނެއެވެ. ހަމަލަތައް ހުއްޓައިލުމަށް ވެވިފައިވާ އެއްބަސްވުން ދެމިއޮންނާނީ މިމަހުގެ ބާވީސްވަނަ ދުވަހާ ހަމަޔަށެވެ. އީރާނުން އެބުނާ ބީދައިގެ ރައްދެއް އަތުވެއްޖެނަމަ އޭގެ މާކުރިންވެސް އެއްބަސްވުން ބާތިލުވާނެއެވެ. އަނެއްކާވެސް ހަނގުރާމައިގެ ހާލަތު އެނބުރި އަންނާނެއެވެ.
އެމެރިކާއިން އެދައްކަނީ ހަމައެކަނި ހޮރުމުޒް ކަނޑުއޮޅި ބަންދުކުރާ ވާހަކައެއް ނޫނެވެ. ވެނެޒުއެލާވެސް ހިސާރުކުރި ގޮތަށް އަދި ކިއުބާވެސް މިހާރު ހިސާރު ކުރަމުންދާ ގޮތަށް މުޅި އީރާނު ހިސާރު ކުރާ ވާހަކައެވެ. އެއީ އެމެރިކާއަށް ކުރެވިދާނޭ ކަމެއް ބާވައެވެ. އެއީ ވަރަށްވެސް އުނދަގޫ އަދި ޚަރަދުވެސް ބޮޑު ކަމަކަށްވާނެއެވެ. އީރާނުގެ އައްސޭރިޔަކީ ހޮރުމުޒް ކަނޑުއޮޅިންވެސް ބޭރަށް ދެމިގެންގޮސްފައިވާ އައްސޭރިއެކެވެ. މިދެންނެވި ގަލްފުން ބޭރުގައިވެސް އީރާނުގެ ބަނދަރުތައް އެބަހުއްޓެވެ. އޭގެތެރެއިން އެއް ބަނދަރަކީ ޗާރުބަހާރެވެ. އީރާނުން އެކްސްޕޯޓްކުރާ ތެލުގެ ގާތްގަނޑަކަށް ސަތޭކަ ޕަސަންޓު އިމްޕޯޓްކުރަނީ އޭޝިއާގެ ގައުމުތަކުންނެވެ. ޚާއްސަކޮށް ޗައިނާއިންނެވެ. އެހެންވީމާ އީރާނު މުޅިން ބައްދައިލުމަކީ އެމެރިކާއަށް މުޅިއަކުން ތަންފީޒުކުރެވޭނޭ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން އެމެރިކާއަށް ފޯރާނޭ ގެއްލުންތަކާއި އެމެރިކާގެ ބައިވެރިންނަަށް ފޯރާނޭ ގެއްލުންތައްވެސް ބޮޑުކަމުންނެވެ. އަދާކުރަންޖެހޭ އަގުގެ މަތިކަމުންނެވެ.
އީރާނު އެއޮތީ ކިތަންމެ ދިގު މުއްދަތަކަށްވެސް ހަނގުރާމަކުރާ ގޮތަށް ތައްޔާރުވެގެންނެވެ. ކިތަންމެ ދިގު މުއްދަތަކަަށްވިޔަސް ހޮރުމުޒް ކަނޑުއޮޅީގައި ތަޅުއަޅުވަން ތައްޔާރުގައެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި އެންމެފަހުން ފޭލްވާނީ އެމެރިކާއެވެ. އުނބަށް ޖަހާނީވެސް އެމެރިކާއިންނެވެ. އީރާނު ހިސާރު ކުރުމުގެ ރޭވުމަކީ ހޮލީވުޑުގެ ފިލްމެއްގެ ޕްލޮޓް ކަހަލަ ފަސޭހަކަމެކޭ ހީވެގެންނެވެ. ކޮންމެއަކަސް އީރާނު ހިސާރު ކުރުމުގެ ވާހަކަ ދައްކާއިރު އެމެރިކާގެ މަނަވަރުތައް ތިބީ އީރާނުގެ އައްސޭރިޔާ އެތައް ސަތޭކަ މޭލެއްގެ ދުރުގައެވެ. ކައިރިވާން ބިރުންނެވެ. އެހިސާބުގައި ތިބޭ ބަޔަކަށް ކުރެވޭނެ މާގިނަ ކަންކަމެއް ނުހުންނާނެއެވެ. އެކަމަކު އެއްކަމެއް ޔަގީންވެއެވެ. މި ބްލޮކޭޑުގެ ސަބަބުން އެރޭބިއަންސީގެ ހިމޭންކަން މުޅިން ގެއްލޭނެއެވެ. އެހިސާބުގައި ހަރަކާތްތެރިވާ މަނަވަރުތައް ގިނަވާނެއެވެ. އެރޭބިއަންސީއަކީ ރާއްޖޭގެ ހުޅަނގުއުތުރު ބިތެވެ. އެހެންވީމާ މި ސަރަހައްދު އެއޮތީ ކިތަންމެ ބޮޑަކަށްވެސް ނުރައްކަލަށް ހުށައެޅިފައެވެ.
އިމާދު ލަތީފު
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ