ބޮޑީބޯޑިންގެ އިތުރުން ސާފިން މުބާރާތްތައް ބޭއްވުމުގެ އިންތިޒާމު ރަނގަޅުކުރުމަށް ވަރުނުލާ ރާޅުގަނޑުގައި ގާއިމްކުރަން ފެށި ސާފިން ސްޓޭޑިއަމްގެ މަސައްކަތް ލަސްވެގެން ދަނީ ޑިޒައިނަށް ބަދަލު ގެންނަން ޖެހުމުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ވަރުނުލާ ރާޅުގަނޑުގައި ގާއިމުކުރަން ތައްޔާރުވެފައިވާ ސާފިންނާއި ބޮޑީބޯޑިންނަށް ހާއްސަ އެރީނާ ގާއިމުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް މިނިސްޓަރު ރާފިއު ފުރަތަމަ އިއުލާނު ކުރެއްވީ މިދިޔަ އަހަރު ޖޫން މަހުގައެވެ. ރާފިއު އެހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ބޮޑީބޯޑިން މުބާރާތް، މޯލްޑިވްސް ޕްރޯ ރަސްމީކޮށް އިއުލާނުކުރުމަށް ބޯޅަ ގޭގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައެވެ.
އެ ގޮތަށް މިނިސްޓަރު ވިދާޅުވެފައިވާ އިރު، އެ މަސައްކަތް ފެށުމަށް މިދިޔަ އަހަރު ނޮވެމްބަރު މަހު ސިނަމާލޭ ބްރިޖު ޕްލެޓްފޯމް ރޫޅާލާފައިވެސް ވެއެވެ.
ސާފިން ސްޓޭޑިއަމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހޮންކޮންގުގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޯލޮޖީއާއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ރާފިއު ވިދާޅުވީ، ސްޓޭޑިއަމްގެ މަސައްކަތް ލަސްވެފައި ވަނީ ޑިޒައިނަށް ބަދަލު ގެންނަން ޖެހުމުގެ ސަބަބުން ކަމަށެވެ. އެގޮތުން، ކުރިން ދަގަނޑު ސްޓްރަކްޗާއެއް ހަދަން އުޅުނު ނަމަވެސް، އެއީ ކޮންކްރީޓް ސްޓްރަކްޗާއަކަށް ބަދަލުކޮށް، ސައިޒުން 50 ފޫޓް އިތުރު ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފުރަތަމަ ސާފިން ސްޓޭޑިއަމް ހަދަން ޑިޒައިން ކުރީ ޕްރީފެބް ސްޓްރަކްޗާއަކުން އެތަން ހަދަން. މޯލްޑިވްސް ބޮޑީބޯޑިންނާއި ސާފިން އެސޯސިއޭޝަނާވެސް ވާހަކަ ދައްކައިގެން އެތަނުގެ މަސައްކަތް ކުރަނީ. އެހެންނަމަވެސް ފަހުން އެސޯސިއޭޝަންތަކާ ވާހަކަދައިގެން ކޮންސެޕްޓަށް ބަދަލު ގެންނަން ފެނުނީ. އެއީ އެތަން 50 ފޫޓު އިތުރުކޮށް، ކޮންކްރީޓް ސްޓްރަކްޗާއަކަށް ދާން. އެއީ އެންމެންނަށްވެސް ފާހަގަކުރެވުނީ މެޓަލް ސްޓްރަކްޗާއެއް ވެއްޖެއްޔާ މެއިންޓެނެންސް މާ ބޮޑަށް ހައިވާނެ ކަމަށް. އެއީ ލޮނުގެ އަސަރު ބޮޑުވާނެތީ، އެކަމަށް ތަޖުރިބާކާރުންވެސް ސަޖަސްޓްކުރީ،" ރާފިއު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓާއާއެކު ހެދުނު އެއްބަސްވުމުގެ ޓައިމްލައިނަށް ބަދަލެއް ނާންނަ ކަމަށާއި، މުއްދަތަށް ނިންމޭނެ ކަމަށެވެ. އަދި މި މަސް ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ރާފިއު ވިދާޅުވިއެވެ.
މުޙައްމަދު ޝަމްޢޫން
ސާފިން
ސާފިން
ސާފިން
ސާފިން