ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސް ވި ޒުވާނާ މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި ހުން އައިސްގެން 23 އަހަރުގެ އެ ޒުވާނާއަށް ފުރަތަމަ ފަރުވާ ދިނީ ށ. މިލަންދޫގަ އެވެ. އޭގެ ފަހުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެއެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު މިއަދު ހެނދުނު ވިދާޅުވީ، އެ ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ދެންމެ "ވަން" އަށް ވިދާޅުވީ، އެ ޒުވާނާ މަރުވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރުވީ، ށ. މިލަންދޫ، ނަބުހާނެވެ.

ޑެންގޫ ޖެހިގެން ރިޕޯޓުކުރާ ކޭސްތައް އިތުރުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 535 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ބުންޏެވެ