ދެހާސް އަށާވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައިވެސް ޕީއެންސީ އޮންނާނީ ވެރިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް މިހެން ވިދާޅުވީ، ނިދިޔަ ކައުންސިލްތަކުގެ އިންތިހާބުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީއަށް ނިސްބަތް ކޮށެވެ.

ސަލީމް ވިދާޅުވީ އެ އިންތިހާބުތަކުގައި ވެރިކަން ކުރާ ޕީއެންސީ ބަލިވެ، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ލިބިފައިވާހަކަ އެ ޕާޓީގެ މެންބަރުން ދައްކާ ކަމަށެވެ.

އެ އިންތިހާބުތަކުން ޕީއެންސީ ބަލިނުވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"އިންތިހާބަކުން ބައްޔެއް ނުވޭ، ތާރީހަށް ބަލާއިރުގައި އެއްވެސް އިރެއްގައި ޑިމޮކްރަސީ އުފެދުނުފަހުން މިހާތަަނަށް ރާއްޖޭގައި ވެރިކަންކުރި އެއްވެސް ބަޔަކަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ލިބިފައެއް ނެތް،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ނެގި ވޯޓުން މާބޮޑު ޖަތީޖާއެއް ލިބުނުކަމަށް ހީކޮށް، 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ހުވަފެން އިދިކޮޅު އެމްޑީޕީން ދެކެމުން އަންނަ ކަމަށެވެ.

"ހުވަފެނުގައި ދެން 2028 ލިބިފައޭ މި ކިޔަނީ، އެ ލިބިގެން ވަަރަށް ފުއްޕައިގެން މިތިބެނީ، 2028 އެއް ނުލިބޭނެ އަޅުގަނޑުމެން މިހެން، ފުރާނަ ސަލާމަތުން ތިބިއްޔާ 2028 ގެންދާކަށެއް ނުކެރޭނެ، 2028 ގެންދާނީ ޕީއެންސީން،" ސަލީމް ވިދާޅުވިއެވެ.