އެމެރިކާގެ ނޭވީން ހޮރުމޯޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް ބުނެފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އެމެރިކާއާއި އިރާނުން ބޭއްވި މަޝްވަރާތައް ނާކާމިޔާބު ވެ ކޮޅެއްގައި ނުޖެހި ނިންމާލާފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުން އެމެރިކާގެ ހުށަހެޅުންތަކަށް އެއްބަސް ނުވުމުގެ ސަބަބުން އެކަމުގެ ބަދަލުގައި ހޮރުމޯޒު ކަނޑުއޮޅި ބަންދުކުރުމަށް އަމުރުކުރައްވައިފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ހޮރުމޯޒް ކަނޑުއޮޅި ބަންދުކުރާނީ އެމެރިކާގެ ނޭވީން ކަމަށާއި އެ ސަރަހައްދަށް އެތެރެވާ ބޯޓުތައްވެސް އަދި ބޭރުވާން މަސައްކަތްކުރާ ބޯޓުތައްވެސް ނޭވީން ހުއްޓުވާނެ ކަމަށެވެ.

ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ހޮރުމޯޒް ކަނޑުއޮޅީގައި ހަރަކާތްތެރިވާ އެމެރިކާގެ ނޭވީ ބޯޓަކަށް ހަމަލާއެއް ދީފިނަމަ އެކަމުގެ ރައްދު ހަމަލާވެސް ވަރުގަދަ ވާނެ ކަމަށެވެ.

މިފަހަރު އެމެރިކާއިން އިސްވެ ހޮރުމޯޒް ކަނޑުއޮޅި ބަންދުކުރުމަށް ނިންމާފައިވާއިރު ޓްރަމްޕް ވަނީ އެމަސައްކަތުގައި އެހެން ގައުމުތަކުން ވެސް ބައިވެރިވާނެ ކަމަށް ވިދާޅުވެފައެވެ.