ބަލިވަމުން އައި އައުމަށް ނިމުން ގެނެސް، ޕްރިމިއާ ލީގުގައި ފުލަމް ކައިރިން ހޯދި މޮޅާއެކު ލިވަޕޫލުން ހަމަޖެހުމެއް ހޯދައިފިއެވެ.

ރޭ ލިވަޕޫލުން ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން އެންމެފަހުން ކުޅުނު ތިން މެޗުންވެސް ލިވަޕޫލް ބަލިެވފައިވާ އިރު، އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗަކާާއި އެފްއޭ ކަޕް މެޗެއްވެސް ހިމެނެއެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ލިވަޕޫލުން 2-0 އިން ޕީއެސްޖީ ކައިރިން ބަލިވެފައި އޮތް އިރު، ރޭގެ މެޗަށްފަހު ސްލޮޓް ފާހަގަކުރީ މޮޅާއެކު، އެއީ ޕީއެސްޖީއާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ހޯދުމުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.

ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި އިން މުހައްމަދު ސަލާހް ރޭގެ މެޗުގައި ގޯލް ޖެހި އިރު، އަނެއް ގޯލް ޖެހީ އުމުރުން އެންމެ 17 އަހަރުގެ ރިއޯ އެންގުމޯހޯއެވެ.

ރޭގެ މެޗަށްފަހު ސްލޮޓް ބުނީ ރޭގެ މޮޅާއެކު ލިވަޕޫލްގެ ހުރިހާ ކަމެއް އެއްފަހަރާ ހައްލު ނުވި ނަމަވެސް، މެޗުން ލިބުނު ތިން ޕޮއިންޓަކީ މިހަފުތާ ތެރޭގައި ޕީއެސްޖީއާ ދެކޮޅަށް ނުކުތުމަށް ލިބުނު ހިތްވަރެއް ކަމަށެވެ. އޭގެ އިތުރުން ސްލޮޓް ބުނީ މިހަފުތާ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ އިރު، ލިވަޕޫލަށް ސަޕޯޓަރުންގެ އެހީ ބޭނުންވާ ކަމަށެވެ.

ރޭ މޮޅުވި ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެއީ 32 މެޗުން 52 ޕޮއިންޓާއެކުގައެވެ.