ގދ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރަކަށް ދަރިވަރަކު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން ޓީޗަރަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް މިއަދު 11:46 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި މުދައްރިސަށް ގައްދޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.