އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކުރި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު މިއަދު އިޔާދަކޮށްފިއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައިި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން (ގަޕޯ) ވަނީ އެކަން އިއުލާނުކުރައްވައިފައެވެ.

ވަގުތީ ޗެއާޕާސަންކަމުން ގަޕޯ ވަކިކުރަން 55 މެންބަރުންގެ ސޮޔާއެކު މީގެ ކުރިން ހުށަހަޅާފައިވެއެވެ. ނަމަވެސް އެ މައްސަލަ އަނބުރާ ގެނެސްފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އިދިިކޮޅު ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ހައްލެއް ގެނެސްފައިވާކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވަނީ އިއުލާނުކުރައްވައިފައެވެ.

މިރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ޕާޓީގެ ޗެއާޕާސަނަށް ލަފާދިނުމަށް ހަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލުމަށް ފާސްކޮށްފައެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

  • ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ
  • ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
  • ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
  • ކުރީގެ ރައީސް މުހައްމަދު ނަޝީދު
  • ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
  • އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހަކީ އެމްޑީޕީގެ އެޑްވައިޒަރުން ކަމަށް ހަމަޖައްސަން ވެސް ފާސްކޮށްފައެވެ.

މީގެ އިތުރުން ކުރީގެ ރައީސްކަން ކުރައްވާފައިވާ އެމްޑީޕީގެ މެންބަރުންނަށް ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް މިރޭ ފާސްކުރުމުން ރައީސް ނަޝީދަށް ވެސް ވަނީ ގައުމީ މަޖިލީހުން ފުރުސަތު ލިބިވަޑައިގެންފައެވެ.