އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ވިކްޓްރީ ސްޕޯޓްސް ކްލަބު ކައިރިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަަލަށް ދަތުރު ކޮށްފިއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ޓީސީން ފަހަތުން އަރައި ވިކްޓްރީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ޓީސީއަކީ މިއަހަރު އެފްއޭ ކަޕުގެ ސެމީން ޖާގަ ކަށަވަރުކުރި ތިންވަނަ ޓީމެވެ. މީގެ ކުރިން އިއްޔެއާއި ރޭ ކުޅުނު މެޗުތަކުން ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓުން ވަނީ ސެމީ ޔަގީން ކޮށްފައެވެ.

ޓީސީން ވަނީ 2017 ވަނަ އަހަރު އެފްއޭ ކަޕް ފައިނަލުގައި ކުޅެފައެވެ. އެފަހަރު ތަށި ނެގީ ނިއު ރޭޑިއަންޓުންނެވެ. އޭގެފަހުން ދެން އެންމެފަހުން އެފްއޭ ކަޕް ބާއްވާ ނިންމާލީ 2022 ވަނަ އަހަރުއެވެ. އެފަހަރު ޓީސީން ވަނީ ކުއާޓާއިން ކަޓައިފައެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ވިކްޓްރީންނެވެ. މުހައްމަދު ޝިޔާޒް (މޯހަން) ގެ ކޯޗުކަމުގައި ކުޅުނު ވިކްޓްރީއަށް ލީޑު ނަގައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޓީސީން ވަނީ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. އެ ގޯލަކީ ޓީސީގެ ނައިޖީރިއާގެ ފޯވާޑް އިބްރާހިމް ޖިމޯ އޭރިއާތެރެއަށް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޓީސީން މޮޅުވީ ފަހުވަގުތު ދެގޯލު ޖަހައިގެންނެވެ. އެގޮތުން، އެ ޓީމުން ލީޑުނެގީ 88 ވަނަ މިނިޓްގައި އައިހަމް ހަމްދޫން ޖެހި ގޯލުންނެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޓީސީން ވަނީ ތިން ވަނަ ގޯލެއް ޖަހައިފައެވެ. އެ ގޯލް ޖެހީ ބަދަލަކަށް ނުކުތް މުހައްމަދު ދާނިޝްއެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފަހު މެޗުގައި މިރޭ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ބުުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.