ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ސާވޭ މިއަދު ފަށައިފިއެވެ.

މިއަދު ފެށި އެ ސާވޭ މާލޭ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ނިންމައިފައެވެ.

އެމްއެމްއޭ އިން ބުނީ އެ ސާވޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ކަމަށާއި އެއީ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަށް ކުރިއަށްގެންދާ ސާވޭއެއް ކަމަށެވެ.

ސާވޭ މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ފައިސާ ފޮނުވުމަށް ބޭނުންކުރާ ވަސީލަތްތައް، ފައިސާ ފޮނުވާ ފްރިކުއެންސީ އަދި ފޮނުވާ ފައިސާގެ އަދަދުތައް ހިމެނޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ބިދޭސީ މަސައްކަތްތެރިން އެ ސާވޭގައި ބައިވެރިވުމަށް އެމްއެމްއޭ އިން ބާރުއަޅައެވެ.

އެމްއެމްއޭ އިން ބުނީ އެ ސާވޭގައި މަސައްކަތްތެރީންގެ ނަން، ޕާސްޕޯޓް ނަންބަރު، ނުވަތަ ވޯކް ޕާމިޓް ތަފްސީލު ފަދަ ޒާތީ މައުލޫމާތެއް ނުހޯދާނެ ކަމަށެވެ. އަދި ސާވޭގައި އެއްކުރެވޭ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެމްއެމްއޭ އިން ދެއެވެ.