ލިވަޕޫލްގެ ސްކޮޓްލޭންޑް ޑިފެންޑަރު އެންޑްރޫ ރޮބަޓްސަން، މި ސީޒަނަސްފަހު ކްލަބު ދޫކޮށްލާނެކަން އިއުލާނު ކޮށްފިއެވެ.

ސްކޮޓްލޭންޑްގެ ކެޕްޓަން ލިވަޕޫލް ދޫކޮށްލަން ނިންމާފައި ބަމީ ނުވަ އަހަރު އެ ކްލަބުގައި ހޭދަކުރުމަށްފަހުއެވެ. ރޮބަޓްސަން 2017 ވަނަ އަހަރު ހަލް ސިޓީން ލިވަޕޫލާ ގުޅިފައިވާ އިރު، އޭގެ ފަހުން އޭނާ ވަނީ ކްލަބަށް 373 މެޗު ކުޅެދީފައެވެ. އެ މެޗުތަކުގައި 13 ގޯލް ޖަހައިދީ، 69 އެސިސްޓް ފުރިހަމަ ކޮށްދީފައިވެއެވެ.

ރޮބަޓްސަންއަކީ ލިވަޕޫލާއެކު ކާމިޔާބު ކުޅުންތެރިއެއްވެސް މެއެވެ. އޭނާ ވަނީ އެ ކްލަބާއެކު ދެ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގެ އިތުރުން ދެ ފަހަރަށް ލީގު ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ރޮބަޓްސަން ވަނީ ލިވަޕޫލާއެކު ފީފާ ކްލަބު ވޯލްޑް ކަޕާއި ޔޫއެފާ ސުޕަ ކަޕްގެ އިތުރުން ކޮމިއުނިޓީ ޝީލްޑްވެސް ހޯދައިފައެވެ.

ކްލަބު ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާނުކުރަމުން ރޮބަޓްސަން ބުނީ ލިވަޕޫލް ދޫކޮށްލުމަކީ އޭނާއަށް އެއްވެސް އިރެއްގައި ފަސޭހަވާނެ ނިންމުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ފުޓުބޯޅަ އަބަދުވެސް ބަދަލުވަމުންދާ އިރު، ކްލަބުތަކަށްވެސް ކުޅުންތެރިންނަށްވެސް ބަދަލު އަންނަން ޖެހޭކަން ގަބޫލުކުރާ ކަމަށް ފާހަގަކުރިއެވެ.

ރޮބަޓްސަން ލިވަޕޫލް ދޫކޮށްލާނެކަން އިއުލާނު ކޮށްފައިވާ އިރު، މިސީޒަނަށްފަހު މުހައްމަދު ސަލާހްވެސް އެ ކްލަބު ދޫކޮށްލާނެކަން ވަނީ އިއުލާނު ކޮށްފައެވެ.