ތ. ގާދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާދިއްފުށި ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ކަމަށެވެ.

ގާދިއްފުށީ، ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ.

ރައީސް ވިދާޅުވީ ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 11 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި އެ މަސައްކަތް 10 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރަށުގެ ތަރައްގީއަށްޓަކައި ބިން އިތުރުކޮށްދޭނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ބިން ހިއްކުމުގެ އެ މަޝްރޫއުއާއެކު ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.