ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ޕީޕަލްސް ޗޮއިސް ރަމަޒާން ބާޒާރު 2026 ގެ ލަކީ ޑްރޯ ނަގައިފިއެވެ.

އެސްޓީއޯއިން މިރޭ ބުނީ ލަކީ ޑްރޯ ނެގުން ކުރިއަށް ގެންގޮސްފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އައުޓްލެޓްގައި ކަަމަށެވެ.

އެ ލަކީ ޑްރޯގައި އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ 100،000 ރުފިޔާ ނަސީބުވެރި ފަރާތް ވަނީ ހޮވައިފައި ކަމަށާއި، އެ ނަސީބުވެރިޔަކީ ހުސައިން އަމްޖަދުކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މިދިޔަަ މާޗު 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޕްރޮމޯޝަންގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓްތަކަކުން ވަރަށް އަގުހުރި ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދިޔައެވެ.

އެގޮތުން އާއްމުންގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ، ފިލިޕްސް އަދި ރަސެލްސް ހޮބްސް ބްރޭންޑުގެ ގޭތެރޭގައި ބޭނުން ކުރާ ގިނަ ސާމާނަކުން ބޮޑެތި ޑިސްކައުންޓްތަކެއް ވަނީ އަޅުވާފައެވެ.

އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް އެފަދަ ވަރަށް އަގުހުރި ޕްރޮމޯޝަންތައް ބާއްވައެވެ. އެ ޕްރޮމޯޝަންތަކުގެ މައިގަނޑު މަގްސަދަކީ ރޯދަ މަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށް ދިނުމެވެ.