ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތާރިގު (މަނަދޫ ތާރިގު) ސައްހަނޫން ގޮތުގައި ނުވަތަ ވަގަށް ޕީއެންސީ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީކުރިކަމުގެ ހެއްކެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.

މަނަދޫ ތާރިގު، މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ. ފުލުހުން އެ މައްސަލަ ބެލުމަށްފަހު، މައްސަލަ ނިމުނު ގޮތުގެ ލިޔުން މިއަދުވަނީ އޭނާއަށް ފޮނުވައިފައެވެ. މަނަދޫ ތާރިގުވަނީ އެ ލިޔުން މިރޭ އެކްސްގައި ޕޯސްޓުކޮށްފައެވެ.

"ތިޔަ ފަރާތުން މިހިދުމަތަށް ހުށަހަޅާފައިވާ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިތުރަށް ދިރާސާކޮށް ބެލިއިރު، މި މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް އިތުރު ހެއްކެއް އަދި ގަރީނާއެއް ލިބިފައިނުވާކަމަށް ނިންމާ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ޑިކްލައިން ކޮށްފައިވާތީ، އިތުުރު ފިޔަވަޅެއް ނާޅާގޮތަށް މި ހިދުމުގައި މައްސަލަ ފައިލް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ" ފުލުހުން ބުންޏެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރަން އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން، އެހެން ޕާޓީތަކުގެ މެންބަރުން، އެ ޕާޓީއަށް ރަޖިސްޓްރީކުރަމުންދާކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އިދިކޮޅު އެމްޑީޕީން އިލެކްޝަންސް ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލަ ބަލަމުންދާކަން އޭސީސީން އެ ދުވަސްވަރު މީޑިއާތަކަށް ކަށަވަރުކޮށްދީފައިވާއިރު، އީސީން ބުނެފައިވަނީ 300 އަށްވުރެ ގިނަ ސައްހަނޫން ފޯމު ފާހަގަކުރެވުނު ކަމަށެވެ.