ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފުލެޓަށް ކުރިމަތިލާއިރު، އެއީ ނުކުޅެދޭ މީހެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ދޫކޮށްފައިވާ ކާޑު ހުށަހެޅޭނެކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިރޭކުރި އިއުލާނެއްގައި ބުނީ އެންސްޕާގެ ކާޑުވެސް ހުށަހަޅަންވާނީ އެޕްލިކޭޝަނާއެކު https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ހައުސިން މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހުގެ 11 ވަނަ ދުވަހު "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު" އިސްލާހުކޮށް ގެޒެޓުކޮށްފައެވެ. އެ ދުވަހު ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އެޕްރީލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނެފައިވަނީ މިހާރު އެ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތަކަށް ކަމަށެވެ.

އެ ފަރާތްތަކުން ފުލެޓަށް ކުރިމަތިލާއިރު، މީގެ ކުރިން ކަނޑައަޅާފައިވާ މުއްދަތުތައް އެ ފަރާތްތަކުގެ މައްޗަކަށް ނުހިނގާނެ ގޮތަށް އުސޫލު އިސްލާހުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެއީ، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ، މަދުވެގެން އެއް އަހަރު ދުވަސް އަދި މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވާންޖެހޭނެ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ޝަރުތު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުން ވޭތުވެދިޔަ އެއް އަހަރު ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވަތަ މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި ފަސް އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.