އީރާނާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ކުރަމުންއައި ހަނގުރާމަ ބުދަދުވަހުގެ ފަތިހުން ފެށިގެންވަނީ މެދުކަޑާލައިފައެވެ. ދެ ހަފުތާގެ މުއްދަތަށް ވަގުތީ ގޮތުންނެވެ. ދާއިމީ އެއްބަސްވުމެއް ގާއިމުކުރެވޭނީ އަންނަ ހުކުރުދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އެމެރިކާޔާއި އީރާނުގެ މަންދޫބުންގެ މެދުގައި ފަށަން ހަމަޖެހިފައިވާ މަޝްވަރާތަކުން ނުކުންނަ ނަތީޖާއަކަށްފަހުގައެވެ. އޭގެކުރިން މި ހަފުތާގެ ބުރާސްފަތި ދުވަހު ނުވަތަ ހުކުރު ދުވަހު ހޮރުމުޒް ކަނޑުއޮޅި މުޅިން ހުޅުވައިލާން އީރާނު ވަނީ އެއްބަސްވެފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ބުދަދުވަހުގެ ފަތިހުން ފެށިގެން ހަމަލާތަކަށް ނިމުމެއް އަތުވެއްޖެހެއްޔެވެ. ޖަވާބަކީ ނޫނެކޭއެވެ. އެމެރިކާޔާއި އިޒްރޭލުގެ މާބޮޑު ހަމަލައެއް އީރާނަށް އަމާޒުވިކަމަށް އެއްވެސް ބަޔަކު ރިޕޯޓެއް ނުކުރެއެވެ. އެކަމަކު ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން ބަހުރައިނާއި ސައޫދީ އަރަބިޔާ އާއި ކުވޭތާއި ޔޫއޭއީގެ ބައެއް ތަންތަނާ ގާތުން ޑްރޯންތަކެއް ފެނި އެތަކެތި ވައްޓާލާފައިވާ ކަމަށް އެ ގައުމުތަކުން ވަނީ ބުނެފައެވެ.

ކުވޭތުގެ ތެޔޮ ކާރުޚާނާއަކަށް އީރާނުގެ ހަމަލައެއް ބުދަދުވަހު އަރައި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ކުވޭތުން ވަނީ ބުނެފައެވެ. ޑްރޯންތައް މިފެންނަނީ މިދެންނެވި ގައުމުތަކުގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ ކައިރިންނެވެ. އެއީ އީރާނުން ފޮނުވައިލި ޑްރޯންތަކެއްކަން މުޅިއަކުން ސާފެއް ނޫނެވެ. ފަހަރުގައި އެއީ އީރާނުގެ ބޮލުގައި އަޅުވަން އިޒްރޭލުން ހިންގި އަމަލަކަށްވެސް ވެދާނެއެވެ. މީގެކުރިންވެސް އެޒާތުގެ ބައެއް ކަންކަން އިޒްރޭލުން ވަނީ ހިންގައިފައެވެ. ހަނގުރާމަ ދެ ހަފުތާއަށް ހުއްޓައިލުމަށް ވެވުނު އެއްބަސްވުމުގައި ހިމެނެނީ ހަމައެކަނި އީރާނަށް ހަމަލަދިނުން ހުއްޓައިލުމެއް ނޫނެވެ. ލުބުނާނާއި ޔަމަނަށް ހަމަލަދިނުން ހުއްޓާލުމަކީވެސް މި އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ. އެއީ އީރާނުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެކެވެ. އެކަމަކު އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލަތަކަށް ނިމުމެއް ނުގެނެއެވެ. ބަދަލުގައި އެ ހަމަލަތައް ވަނީ ވަރުގަދަކޮށްފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ މެދުއިރުމަތީގައި ހަމަލަތައް މެދުކަޑައިލުމުގެ އެއްބަސްވުމުގައި ލުބުނާނު ނުހިމެނޭ ކަމަށާއި ލުބުނާނަށް ބޮންއެޅުން ހުއްޓާނުލާނޭ ކަމުގައެވެ. މިހެން ބުނެފައި ބުދަދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތު ހިމެނޭހެން ވިހިތިރީސް ތަނަކަށް ބޮންއަޅައި އެތައްސަތޭކަ ބަޔަކު ވަނީ ޝަހީދުކޮަށްލައިފައެވެ. ޖުމްލަ ސަތޭކައަށްވުރެ ގިނަ ހަމަލަ ލުބުނާނަށް ވަނީ ދީފައެވެ. މިއީ ފަހަކަށްއައިސް އިޒްރޭލުން ލުބުނާނާ ދެކޮޅަށް ހިންގާފައިވާ އެންމެ ބޮޑު އެއްޖަރީމާއެވެ. އެނގިފައިވާގޮތުން ޒަޚަމްވެފައިވާ މީހުން ގިނަކަމުން ލުބުނާނުގެ އަސްފަތާލުތައް ވަނީ ފުރިގެން ތޮއްޖެހިފައެވެ. ހަމަލަ ދެމުން ގެންދަނީ ލުބުނާނުގެ ޝީއީން ގިނަ ހިސާބުތަކަށެވެ. ބެއިރޫތުގައިވެސް ޝީއީންގެ އޭރިޔާތަކަށެވެ. އީރާނުގައި އިޒްރޭލަށް ލިބުނު ނާކާމިޔާބުގެ ބަދަލު ލުބުނާނުގެ ޝީއީންގެ ކިބައިން ހިފުމުގެ ގޮތުންނެވެ. އިޒްރޭލަށް ތަންފުކެއްވެސް ދުލެއް ނުދީ ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތުން ދަނީ އިޒްރޭލަށްވެސް ރައްދު ދެމުންނެވެ.

ކޮންމެއަކަސް ލުބުނާނަށް ހިމޭންކަން ނާންނާތީ ދެން ހަނގުރާމަ މެދުކަޑަައިލުމުގެ އެއްބަސްވުން ދެމިއޮތުމުގެ ސުވާލު ވަނީ އުފެދިފައެވެ. އީރާނުން ބުނެފައިވަނީ ލުބުނާނަށް ދެމުންދާ ހަމަލާތައް އިޒްރޭލުން ހުއްޓާނުލައިފިއްޔާ އެއްބަސްވުން އުވާލައި އީރާނުން އަލުން އިޒްރޭލަށް ހަމަލަދޭން ފަށާނޭ ކަމުގައެވެ. ހޮރުމުޒް ކަނޑުއޮޅި އިރުކޮޅަކު ހުޅުވާފައި ބޭއްވުމަށްފަހު ލުބުނާނުގެ މަސްރަހަށް ބަލައިފައި އީރާނުން އަނެއްކާވެސް ކަނޑުއޮޅި ބަންދުކޮށްފި ކަމުގެ ރިޕޯޓުތައްވެސް ދަނީ ލިބެމުންނެވެ. އީރާނުގެ މި އިންޒާރުތަކާ ގުޅިގެން ދުނިޔެއަށް އަނެއްކާވެސް ވަރަށް ބޮޑު ނުތަނަވަސްކަމެއް ވަނީ ލިބިފައެވެ. އެނގިފައިވާ ގޮތުން ފްރާންސްގެ އިސްނެގުމުގެ މަތިން ވިލާތުގެ އިއްތިހާދުން ގެންދަނީ ލުބުނާނަށް ހަމަލަދިނުން ހުއްޓާލުމަށް އިޒްރޭލަށް ޕްރެޝަރު ޖައްސަމުންނެވެ. އިޒްރޭލުން ލުބުނާނަށް ހަމަލަދިނުމުގެ އެއްބޭނުމަކީ ހަނގުރާމަ މުޅިން ހުއްޓާނުލައި ބޭއްވުމަށް މަޖުބޫރު ކުރުމެވެ. ހަނގުރާމަ މުޅިން ހުއްޓާލަން އިޒްރޭލް ބޭނުން ނުވަނީއެވެ.

ހަމަލާތައް ހުއްޓައިލުމުގެ ކަންކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުންވެސް މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކި ގައުމެއްގެ ނަން ނުބުނެ ޕާކިސްތާނުން ވަނީ އެއްބަސްވުމާ ޚިލާފު އަމަލުތައް ކުށްވެރި ކޮށްފައެވެ. އެކަންކަމުގެ ސަބަބުން މި އެއްބަސްވުން މުޅިން އުވިގެންގޮސް އަނެއްކާވެސް ކުރީގެ ބިރުވެރި ހާލަތު އަލުން ރުޖޫއަވެދާނެ ކަމަށްވެސް ޕާކިސްތާނުން ވަނީ ބުނެފައެވެ. ކޮންމެއަކަސް ބުދަދުވަހުގެ ރެޔަކީ ހަމަލަތައް ހުއްޓާލައިގެން ތިބެވިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅިގެންދާނެ ރެއެކެވެ. ލުބުނާނަށް ދެމުންދާ ހަމަލަތައް އިޒްރޭލުން ހުއްޓާނުލައިފިނަމަ މިރޭ އީރާނުގެ މިސައިލް ހަމަލާތައް އިޒްރޭލަށް އަމާޒުވުމަކީ ނުހަނު ކައިރިކަމެކެވެ. މިހާރު ފެންނަގޮތުން އިޒްރޭލު މައިތިރިކުރެވޭނެ ހަމައެކަނި މީހަކީ ރައީސް ޓްރަމްޕެވެ. ތިޔަކަން ހުއްޓާލާށޭ ޓްރަމްޕު އެންގީމާ އެކަން ނިމުނީއެވެ. އެކަން ނުކުރަންޏާ ހަނގުރާމަ މެދުކަނޑައިލަން ޓްރަމްޕުވެސް ހަގީގަތުގައި ބޭނުންނުވަނީއެވެ.

ހަނގުރާމަ މެދުކަޑައިލުމަށް މިހާރު އެޅިފައިވާ ހުރަހަކީ އިޒްރޭލެވެ. އެނޫން ހުރަހެއް ނެތެވެ. އިޒްރޭލުގެ ޑްރޯންތަކެއް ބުދަދުވަހުވެސް އީރާނުގެ ފާރސް ގޭސް ފީލްޑުގެ މަތިން އީރާނުގެ ސިފައިން ވަނީ ވައްޓާލިކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ. މިކަން މިހެން ހުރުމުން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން ވަނީ ތަންކޮޅެއް ސީރިއަސްވެގެން ޒިންމާދާރު ގޮތެއްގައި ކަންކަން ކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕަށް އިލްތިމާސް ކުރައްވައިފައެވެ. އަނެއްކޮޅުން ޓްރަމްޕު އެހެރީ ސިޔާސީގޮތުން ހޫނު ފެނުގައެވެ. އޭނާ މަގާމުން ވަކިކުރުމަށް ގޮވާލުމުގެ އަޑުތައް އެމެރިކާގައި ދަނީ ގަދަވަމުން ބާރުވަމުންނެވެ. މިކަމަށް އިލްތިމާސްކުރާ މީހުންގެ ތެރޭގައި ހިމެނޭ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ އަދަދުވެސް ދަނީ ގިނަވަމުންނެވެ. ޓްރަމްޕަކީ އެއްވާހަކައެއް ދެފަހަރު އެއްގޮތަކަށް ބުނެވޭ މީހެއް ނޫނެވެ. ބުނާ މީހެއްވެސް ނޫނެވެ. އެހެންވީމާ ދެން އޭނާ ބުނާނެ އެއްޗަކާއި ކަންކުރާނޭގޮތް ލަފާކުރަންވެސް ފަސޭހައެއް ނޫނެވެ.