އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ނިންމަވައި އެކަން އިއުލާނުކުރައްވައިފިއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަށް މިހާރު ހުންނެވި އަބްދުލްގަފޫރު މޫސާ ވަކިކުރަން ގައުމީ މަޖިލީހަށް މައްސަލަ ހުށަހަޅާފައިވާ އިރު، ޕާޓީގެ ޗެއާޕާސަންކަމަށް ޝައުގުވެރިކަން ފާޅުކުރައްވައި މީކާއިލް، ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ވީޑިއޯގައި ވިދާޅުވީ، އެ ޕާޓީގެ އަމާޒަކަށް ވާން ޖެހޭނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށާއި އެ އަމާޒަށް ދިއުމަށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދައި ސަފުތައް ބަދަހިކޮށްގެން ކަމަށެވެ.

މީކާއިލް ވިދާޅުވީ، ޒުވާން އާ ޖީލަކާ އެމްޑީޕީގެ ހިންގުން ހަވާލުކުރަން ޖެހޭ ކަމަށެވެ.

"އަބަދު އެއް މޫނުތަކެއް، އެއް ފިކުރެއް، އެއް ވިސްނުމެއްގައި ޕާޓީ ހިންގުމުގެ ބަދަލުގައި އާ ޒުވާން ޖީލަކަށް ޕާޓީގެ ލީޑަޝިޕުން ފުރުސަތު ދީގެން،" މީކާއިލް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ ފެކްޝަންތަކުގެ ކޯޅުންބޮޑުވެފައި މިވަނީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ރައީސް މުހައްމަދު ނަޝީދަށް ނުދޭން ނިންމުމުންނެވެ.

އޭގެ ފަހުން ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ހެޑްވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

އެމްޑީޕީގެ ތެރޭގައި ގިނަ ފެކްޝަންތަކެއް އުފެދިފައިވާ އިރު، އެންމެ ބޮޑު ދެ ފެކްޝަނަކަށް އޮރީ ރައީސް ސޯލިހުގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަނެވެ.